31 Jan 2012, 19:51
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ސިފައިން ހައްޔަރުކުރި މައްސަލައިގައި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު އާއި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އާއި ސިފައިންނާއި ފުލުހުންގެ އިސްމަގާމުތަކުގައި ތިއްބެވި ތިން ބޭފުޅެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޕީއެމްގެ ވަގުތީ ނައިބް ރައީސް އުމަރު ނަސީރު މިއަދު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
ދިޓީވީގެ ސްޓޫޑިއޯގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އުމަރު ވިދާޅުވީ އަބުދުﷲ ގާޒީ ގާނޫނާއި ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ދައުވާކުރަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ، އެމްއެންޑީއެފްއާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު އާއި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި އިސްމާއިލު އަތީފް އާއި އަހުމަދު މުނީރުގެ މައްޗަށް ކަމަށެވެ.
އުމަރު ވިދާޅުވީ އަބުދުﷲ ގާޒީ ގާނޫނާއި ހިލާފަށް ހައްޔަރުކުރި މައްސަލާގައި އަބްދުﷲ ގާޒީ މިނިވަން ކުރަން ޖެހޭ ފަރާތަކީ ފުލުހުން ކަމަށްވެފައި އަބްދުﷲ ގާޒީ މިނިވަން ކުރުމަށް ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ އެކަން ނުކުރި ސަބަބެއް ބެލުމަށް މޯލްޑިވުސް ޕޮލިސް ސާވިސްގެ މައްޗަށް ކުރާ ދައުވާގައި އެދިފައި ވާނެ ކަމަށެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް މި އުފުލޭ ދައުވާއަކީ އަބްދުﷲ މުހައްމަދު ކިޔާ ދިވެހި ރައްޔިތަކު ބަޔަކު ގާނޫނުގެ ބޭރުން ތަނެއްގައި ހައްޔަރުކޮށްގެން އޭނާދޫނޮކޮށް ހިފައްޓާފައިވާއިރު ގާނޫނީގޮތުން އޭނާ މިނިވަންކުރުމަށް މަސައްކަތްކުރަންޖެހޭ ފަރާތަކީ މޯލްޑިވްސް ޕޮލިސް ސާވިސް ކަމަށްވާއިރު އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ. އަބްދުﷲ މުހައްމަދެއްނޫން އިބްރާހިމް އަބްދުﷲ ކިޔާމީހެއްކަމަށް ވިޔަސް ކޮންމެ ނަމެއް ކިޔާމީހެއް ކަމަށް ވިޔަސް ގާނޫނުގެ ބޭރުން އެއްވެސް މީހަކު ހައްޔަރުކޮށް، ރަހީނުކޮށް، ކިޑްނޭޕްކޮށް ތަނަކުން ގެއްލުވާލާފައިވާ ކަމަށްވަންޏާ އެމީހަކު ހޯދާ ހުރިތާކުން ސަލާމަތް ކުރުމަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ގާނޫނު ލާޒިމް ކުރާކަމެއް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ފަސީހުއާ އަތީފް އަދި މުނީރުގެ މައްޗަށް ދައުވާކުރަން ހުށަހެޅީ ގާނޫނާއި ޚިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކުރުމުން އަބްދުﷲ ގާޒީ މިނިވަންކުރަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީކަމަށެވެ. އަދި ވިދާޅުވީ އެބޭފުޅުންގެ ގާނޫނީ ޒިންމާ އަދާކޮށްފައިނުވާތީ އެޒިންމާ އަދާކުރުމަށް އެބޭފުޅުންގެ މައްޗަށް އަމުރުކޮށްދިނުމަށް ދައުވާގައި އެދިފައިވާނެ ކަމަށެވެ.
"ޖެނުއަރީ 16، 2012 ގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ގާނޫނު އަސާސީ އާއި ގާނޫނާއި ގަވާއިދާއި ކަނޑައެޅިގެން ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށްވާ ރ. ހުޅުދުއްފާރު ބަހާރުގޭ އަބްދުﷲ މުހައްމަދު ގާނޫނީ ނިޒާމުން އެކަހެރިކޮށް ގެއްލުވާލާފައިވާ މައްސަލައިގައި އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލުމަށް ހައިކޯޓާއި، ސުޕްރީމް ކޯޓުން ކުރި އަމުރަށް ކިޔަމަންވެފައިނުވާތީ، އަދި މިއަމަލަކީ ގާނޫނު އަސާސީން ކޯޓުތަށާއި، ފަނޑިޔާރުންނަށް ލިބިދީފައިވާ ހިމާޔަތާއި ރައްކާތެރިކަން ނިގުޅައިގަންނަ ގާނޫނު އަސާސީ އާއި ގާނުނުތަކާއި އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ޚިލާފު އަސާސީ ހައްގުތައް ނިގުޅައިގަންނަ އަމަލަކަށް ވީހިނދު، އަދި މިފަދަ އަމަލުތައް ހުއްޓުވައި މިފަދަ މައްސަލަތައް ބަލައި ތަހުގީގުކޮށް ހެދުމަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ގާނޫނީ ޒިންމާއަކަށް ވީހިނދު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކިބައިން އަބްދުﷲ މުހައްމަދު މިނިވަންކުރުމަށް އަދިއަދަށްވެސް މޯލްޑިވްސް ޕޮލިސް ސާވިސް އިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ދައުވާލިބޭ ފަރާތްތައް [ފަސީހު، މުނީރު، އަތީފު] އެބޭފުޅުންގެ ގާނޫނީ ޒިންމާއަދާކުރުމަށް އަމުރުކޮށްދިނުމަށް ހުށަހެޅާ މައްސަލައެއް،" އުމަރު ވިދާޅުވި އެވެ.
އެމްއެންޑިއެފްގެ މައްޗަށާއި މޫސާ އަލީ ޖަލީލު އަދި ފަރުހަތުގެ މައްޗަށް ހުށައެޅި ދައުވާގައި އަބުދުﷲ ގާޒީ ދޫކޮށްލުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ކުރި އަމުރަށް މޫސާ އަލީ ޖަލީލު އާއި ފަރުހަތު ޝަހީރު އަމަލުކޮށްފައި ނުވާތީ އެ ދެ ބޭފުޅުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް އަމުރުކޮށްދިނުމަށް އެދިފައިވާނެކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
މީގެއިތުރުން ފުލުހުންނާއި ސިފައިންގެ އިސްބޭފުޅުންގެ މައްޗަށް ކުރާ ދައުވާގައި އެބޭފުޅުން ހުވަޔާއި ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.