ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން އެއްބަސް ނުވާ ކަމަށާއި އެދުނީ ކުރު މުއްދަތެއްގެ ޓްރެވަލް ޑޮކިޔުމެންޓެއް ދޭން ކަމަށް ޕްރޮސިކިޔުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޖިންސީ ގޯނާގެ ތުހުމަތާއެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ މިދިޔަ ޖުލައި މަހު އެވެ. އެ އަމުރު މުރާޖައާކުރަން މިދިޔަ ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި، އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފަ އެވެ. އަދި އެއާއެކު އޭނާ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ އަމުރު ބާތިލްކުރީ ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވެސް އިއުތިރާޒުކޮށްފައި ނުވާކަމަށެވެ.

އެކަމާ ގުޅިގެން ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ޕީޖީ އޮފީހުން އިއުތިރާޒު ކުރި ކަމަށެވެ. އެ އަޑުއެހުމުގައި ޑޮކްޓަރެއްގެ ލަފާ ހޯއްދެވި ކަމަށާއި، ރާއްޖެއިން އެ އޮޕަރޭޝަން ކުރުމަކީ ފުރާނައަށް ނުރައްކާތެރިވެދާނެ ކަމެއް ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް ޝަފީއު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އަލީ ވަހީދު ބޭސްފަރުވާއަށް ފުރުމަށް އިއުތިރާޒް ނުކުރި ނަމަވެސް، ޕާސްޕޯޓު ދޫކުރަން ޕީޖީން އިއުތިރާޒު ކުރި ކަމަށެވެ. އަދި ޕާސްޕޯޓު ދޫނުކޮށް، ޓްރެވަލް ޑޮކިއުމެންޓެއްގައި އަލީ ވަހީދު ފޮނުވައިދިނުމަށް އެދުނު ކަމަށް ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް އެދުނީ ޕާސްޕޯޓު ދޫކޮށްލައިފި ނަމަ އަލީ ވަހީދު އަނބުރާ ރާއްޖެ ނައުމުގެ ފުރުސަތު ބޮޑުވާނެތީ ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަލީ ވަހީދު ފުރުން މަނާކޮށް ނެރުނު އަމުރު ބާތިލް ކޮށްފަ އެވެ.

އަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު ބާތިލް ކުރީ ކަމަށް އަލީ ވަހީދާ ޖާމިނުވާނެ ފަރާތެއް ހުށަހަޅާފައި ވާތީ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕާސްޕޯޓު ދޫކޮށްލުމާއެކު އަލީ ވަހީދު ވަނީ އިއްޔެ ލަންޑަނަށް ފުރައިފަ އެވެ.

އަލީ ވަހީދު ރާއްޖެއިން ފުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ސަރުކާރުން އަލީ ވަހީދު "ފުރުވާލީ" ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އަލީ ވަހީދު ފުރިކަން އެނގިވަޑައިގަތީ ހަބަރަކުން ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ. އަލީ ވަހީދު ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

އަލީ ވަހީދު މަގާމުން ވަކި ކުރީވެސް ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކުރީ، އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.