10 Feb 2021, 20:10
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި "ހިޔާ ފްލެޓް"ތައް ލިބުނު ފަރާތްތަކަށް އެތަންތަނަށް ވަދެވޭނީ މި އަހަރުގެ މެއި/ޖޫން ހިސާބުގައި ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ހިޔާ ފްލެޓުތަކަށް ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
"އަންދާޒާ ކުރެވެނީ މެއި/ޖޫން ހިސާބުގައި މީހުންނަށް އެތަނަށް ވަދެވޭން ފަށާނެ ކަމަށް،" މަބްރޫކު ވިދާޅުވި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާގެ 25 ބުރީގެ 16 ޓަވަރުގައި ޖުމްލަ 7،000 އެޕާޓްމެންޓު ހުންނާނެ އެވެ. އޭގެ ތެރެއިން 6،720 ފްލެޓު ދިރިއުޅުމަށް ދޫކުރާއިރު ކޮންމެ އިމާރާތެއްގައި ވެސް އެންމެ ތިރީ އެޕާޓްމެންޓުތައް ވަނީ ކޮމާޝަލް ބޭނުމަށް ހާއްސަ ކޮށްފައެވެ.
ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ރޭ ވަނީ އާންމު ކޮށްފަ އެވެ.
ހިޔާ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފެށި އެންމެ ފުރަތަމަ އެެއް މަޝްރޫއެވެ. މި މަޝްރޫއަށް 430 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 16 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމެންޓެވެ.
ހިޔާ ފްލެޓުތަކުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނާ ހަވާލުކޮށްގެންނެވެ. އެ ތަންތަން ހަވާލުކުރާއިރު މުށިޖެހުމާއި، ކުލަލުން، ބޮކި ފަންކާ ހަރުކުރުމުގެ މަސައްކަތް ކުރަންޖެހޭނީ ތަން ލިބޭ ފަރާތުން އަމިއްލައަށެވެ.