ފުވައްމުލަކުން އިތުރު ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކޮވިޑް ރޯގާ ފެތުރިފައިވޭތޯ ބެލުމަށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެ ސިޓީގައި ވަނީ ރެންޑަމް ސާމްޕަލްތަކެއް ނަގައިފަ އެވެ.

ފުވައްމުލަށް ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު މިރޭ "ސަން"އަށް ވިދާޅުވީ، އެ ސިޓީން ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން އިތުރު ބަޔަކުު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ރެންޑަމް ސާމްޕަލުން އިއްޔެ އެ ސިޓީ އިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ ފުވައްމުލައް އޮތީ މޮނިޓަރިންގައެވެ.

ފުމައްމުލަކު ހޮސްޕިޓަލުން މިރޭ ބުނީ އެ ސިޓީ އިން ނެގި ރެންޑަމް ސާމްޕަލުގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދުބާއީ އިން އައިސް ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހާ އާއި ކޮންޓެކްޓުވި މީހަކު ހިމެނޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އޭނާ އާއި ގުޅުންހުރި އިތުރު ބަޔެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރިއިރު އިތުރު ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެއާއެކު ދުބާއީ ކްލަސްޓާ އާއި ގުޅުންހުރި ޖުމްލަ ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ބަލި ފެތުރުން ކޮންޓްރޯލުކޮށް ރައްކާތެރިވުމުގެ ގޮތުން ފުވައްމުލަކުގައި ސްކޫލުތައް ބަންދުކޮށް، އެގެއިން އަނެއް ގެއަށް ދިޔުން ވަނީ މަނާކޮށްފައެވެ.