ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމުގެ ކޮއްކޮ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެސްޓީއޯގެ ޗެއާމަނަކަށް ހުންނެވި އިރު، ސިންގަޕޫރުގައި ތެލުގެ ވިޔަފާރި ކުރުމަށް އުފެއްދި މޯކަމް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑު މެދުވެރިކޮށް ސިންގަޕޫރުގައި ވަގަށް ހިންގި ކަމަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ މައްސަލަ ކޯޓަށް ވައްދަން ރިޔާސީ ކޮމިޝަނުން ނިންމައިފި އެވެ.

ރިޔާސީ ކޮމިޝަނުން ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ މޯކަމް މައްސަލައިގައި ޔާމީން އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު މަނިކު އާއި އެސްޓީއޯގެ މިލްކުވެރިކަން އޮތް އެސްޓީއޯ ސިންގަޕޫރުގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު މުނީޒުގެ އިތުރުން އެސްޓީއޯ މެލޭޝިއާގެ 25 ޕަސެންޓް ހިއްސާ އޮތް ކަމާލު ރާޝިދުގެ މަށްޗަށް ދައުވާކުރަން ނިންމާފައިވާ ކަމަށެވެ.

އާދަމް މަނިކު ވިދާޅުވީ މޯކަމް މައްސަލައިގައި ޔާމީން އާއި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދެ ދައުވާއެއް ކުރާނެ ކަމަށެވެ. އެއީ ޖިނާއީ ދައުވާ އާއި މަދަނީ ދައުވާ ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ.

"މި މީހުންގެ މަށްޗަށް ދައުވާ ކުރަން ނިންމާފައިވާ ކަންތައްތަކަކީ ދައުލަތުގެ މުދަލަށް ހިޔާނާތްތެރިވުމުގެ ދައުވާ. ކުންފުންޏަށް ގެއްލުންވަމުން ދިޔަ ނަމަވެސް ތުހުމަތުކުރެވޭ ފަރާތްތަކާއި އެފަރާތްތަކާއި ގުޅުންހުރި ފަރާތްތަކަށް މަންފާ ލިބެމުން ދިޔަ ކަމަށް ތުހުމަތު ކުރެވުން،" އާދަމް މަނިކު ވިދާޅުވި އެވެ.

އާދަމް މަނިކު ވިދާޅުވީ މޯކަމް މައްސަލަ ކޯޓަށް ފޮނުވަން ނިންމީ އެ މައްސަލަ އިންވެސްޓިގޭޓް ކުރި ކުރުމުގައި ތުހުމަތު ކުރެވޭ ފަރާތްތަކާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ލިބުމުން ކަމަށާއި ނަމަވެސް އަދިވެސް މައްސަލައިގެ އިންވެސްޓީގޭޝަން ނުނިމޭ ކަމަށެވެ. އަދި ކޯޓު މަރުހަލާ އަށް މައްސަލަ ދިއުމަށް ފަހުގައި ވެސް މައްސަލައާ ބެހޭ އިތުރު ހެކިތައް ފެންނަމުން ދާނެ ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާރު މިއޮތީ ވަރަށް ސާފްކޮށް މަކަރުތަކާއި ހީލަތްތަކާއި ނާޖާއިޒު ފައިދާ ހޯދިކަމާއި، ދައުލަތަށް މިކަމުން ގެއްލުންވިކަން ފާހަގަ ކުރެވިއްޖެ، ބޭރުގެ ފަރާތްތަކާއި އެތެރޭގެ ފަރާތްތަށް ގުޅިގެން އިންވެސްޓިގޭޓް ކުރި ކުރުމުން،" އާދަމް މަނިކު ވިދާޅުވި އެވެ.

އާދަމް މަނިކު ވިދާޅުވީ ރިޔާސީ ކޮމިޝަނާއި މޯލްޑިވެސް ޕޮލިސް ސާވިސް އަދި ބޭރުގެ ފަރާތްތައް ގުޅިގެން އެ މައްސަލަ ބެލި ބެލުމުން އެސްޓީއޯ އަށް ގެއްލުންވަމުން ދިޔައިރު ވެސް މޯކަމް މެލޭޝިއާގެ ހިއްސާދާރުންނަށް ކޮމިޝަންގެ ގޮތުގައި މަންފާ ވަމުންދިޔަ ކަން ފާހަގަ ކުރެވުނު ކަމަށާއި އެއް ހިއްސާދާރެއްގެ ކޮމިޝަނުގެ ގޮތުގައި 51 މިލިއަން ސިންގަޕޫރު ޑޮލަރު ދީފައިވާ ކަމަށެވެ. އަދި ތެލުގެ ވިޔަފާރިން ކުންފުންޏަށް ގެއްލުން ވަމުން ދިޔައިރު ވެސް ވިޔަފާރި ހުއްޓާނުލާ ކުރިއަށް ގެންދިޔައީ ތުހުމަތު ކުރެވޭ ފަރާތްތަކަށް ނާޖާއިޒު މަންފާ ލިބޭތީ ކަމަށް ވެސް ފާހަގަކުރެވުނު ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ.

އާދަމް މަނިކު ވިދާޅުވީ މޯކަމް މައްސަލައިގައި ދައުވާ ކުރާނީ ރިޔާސީ ކޮމިޝަނުން ނޫން ކަމަށާއި ޖިނާއީ ދައުވާ ކުރާނީ މޯލްޑިވެސް ޕޮލިސް ސާވިސް އާއި ޕްރޮސިކިއުޓާ ޖެނެރަލް މެދުވެރިކޮށް ކަމަށެވެ. އަދި ވިދާޅުވީ މަދަނީ ދައުވާ ކުރާނީ އެޓާނީ ޖެނެރަލް މެދުވެރިކޮށް ކަމަށެވެ.

އާދަމް މަނިކު ވިދާޅުވީ މައްސަލައިގެ ދައުވާކުރާ އިރު ދައުވާ ލިބޭ ފަރާތްތައް އިތުރުވެ މަދުވުމަކީ ވެދާނެ ކަމެއް ކަމަށެވެ.