މަހަކު އެއްފަހަރު ކޯލިޝަން ލީޑަރުން ބައްދަލު ނުވި ނަމަވެސް، ލީޑަރުންގެ މެދުގައި ގުޅުން ވަރުގަދަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

ކޯލިޝަންގެ ހަތަރު ލީޑަރުން ކޮންމެ މަހަކު އެއްފަހަރު ބައްދަލުވުމެއް ބާއްވަން އޮތީ އެއްބަސްވެފަ އެވެ. އެހެން ނަމަވެސް، މިހާތަނަށް ބޭއްވިފައިވަނީ އޭގެ އެންމެ ބައްދަލުވުމެކެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ކޯލިޝަން ލީޑަރުންގެ ގުޅުން ބަދަހި ކަމަށާއި ސަރުކާރު ހިންގެވުމައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެބޭފުޅުންގެ މަޝްވަރާވެސް ހޯއްދަވާ ކަމަށެވެ.

"ރައީސް ގުޅުން ބާއްވަވައި އަދި އެ ގުޅުން ބަދަހި ކޮލިޝަން ލީޑަރުންނާއެކު. ގަވައިދުން ފޯނު ކުރައްވައި، އަދި މަޝްވަރާވެސް ކުރައްވައި،" މަބްރޫކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޯލިޝަންގެ ލީޑަރުން ރައީސަށް މުހިންމު ކަންކަމުގައި ހިޔާލުވެސް ދެއްވާ ކަމަށާއި، އެ ލީޑަރުންވެސް ވިސްނުމުގައި ކޯލިޝަންގެ ގުޅުން އޮތީ ވަރުގަދަކޮށް ކަމަށެވެ.

"ކޮލިޝަންގެ ގުޅުން އޮތީ ވަރުގަދަކޮށް، އެގޮތަށް ގުޅުން ބޭއްވުމުގެ ވިސްނުން ރައީސް ސޯލިހްގެ އެބަހުރި. އަދި ކޯލިޝަން ލީޑަރުންވެސް އެގޮތަށް މަސައްކަތް ކުރައްވާ،" މަބުރޫކް ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައިސްފައިވަނީ، އޭރުގެ ސަރުކާރާ ދެކޮޅަށް އެފެއްދި ގުޅިފައިވާ ކޯލިޝަނަކުންނެވެ. އެ ކޯލިޝަންގައި ހިމެނެނީ، ހަތަރު ޕާޓީގެ ލީޑރުން ކަމުގައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އާއި އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އެވެ.