ހިޔާ ފްލެޓުތަކުގެ ދާއިމީ ލިސްޓް އާންމުކުރި އިރު، ފްލެޓު ހައްގުވި ނަމަވެސް ގިނަ ފަރާތްތަކަކަށް ފްލެޓު ލިބިފައި ނުވަނީ އެވަރަށް ފްލެޓު ނެތުމުން ކަމަށް ފްލެޓް ކޮމިޓީގެ ރައީސް، ތޯހާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރޭ ވަނީ ހިޔާ ފްލެޓުތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފަ އެވެ. އެކި ކެޓަގަރީގެ ލިސްޓުތަކުގައި ޝަރުތު ހަމަވެ ފްލެޓް ނުލިބޭ ޖުމްލަ 14،107 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން 50 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންގެ އަދަދަކީ 6142 އެވެ.

މިއަދު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯހާ ވިދާޅުވީ ވަރަށް ހާލުގައި ދިރިއުޅޭ މީހުންނަށް ފްލެޓް ނުލިބިހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ފްލެޓު ކޮމިޓީއާ ހަވާލުކޮށްފައި އޮތީ، ފްލެޓުތަކަށް ޕޮއިންޓް ދީފައި ވަނީ 2018 ގައި އިއުލާނު ކުރި ޝަރުތުތަކާ އެއްގޮތަށްތޯ ކަށަވަރު ކުރުން ކަމަށެވެ.

އަދި ފްލެޓް ކޮމިޓީން ދާއިމީ ލިސްޓް އެކުލަވާލީ އެންމެންގެ މެދުގައި އެއް ހަމަ އުސޫލަކުން، އެއް މިންގަނޑަކުން ދިރިއުޅުމުގެ ހާލަތު ބަލައި ކަށަވަރުކުރުމަށްފަހުގައި ކަމަށެވެ.

ތޯހާ ވިދާޅުވީ ފްލެޓު ނުލިބުނު އެންމެންނަކީ ފްލެޓް ހައްގު ނުވާ މީހުން ނޫން ކަމަށާއި، އަދި އެމީހުންނަށް ފްލެޓު ނުލިބުނީ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެން ވެސް ނޫން ކަމަށެވެ.

"ވަރަށް ހާލުގަ އުޅޭ ފަރާތްތަކަށް ފްލެޓު ނުލިބ އެބަހުރި މި ކްރައިޓީރިއާ ކަނޑައެޅިފަ ހުރި ގޮތުން. އެއީ ފްލެޓް ނުލިބި އެވަނީ އެ އަދަދަށް ފްލެޓު ނެތީމަ،" ތޯހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިޔާ މަޝްރޫއުގެ 6720 ފްލެޓަށް 23،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅި ކަމަށެވެ. އަދި ވަކިވަކި ކެޓަގަރީތަކުން ވަކި ވަރަކަށް ފްލެޓް ކަނޑައަޅާފައި ވާއިރު ފްލެޓު ލިބޭނީ ކޮންމެސް އެއް ބަޔަކަށް ކަމަށެވެ.

"އޭގެ ތެރެއިން އަޅުގަނޑުމެން މި ކުރި މަސައްކަތަކީ އެންމެންގެ މެދުގައި އެއް ހަމަ އުސޫލަކުން، އެއް ހަމައަކުން އެންމެ ހައްގުވެރި ފަރާތް ހޯދުމުގެ މަސައްކަތް. އެގޮތުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެކަން ކަށަވަރުކުރެވިފައިވާކަން ފާހަގަކޮށްލަން،" އޭނާ ވިދާޅުވި އެވެ.

ފްލެޓުތަކުގެ ދާއިމީ ލިސްޓު އާންމު ކުރި ކުރީ ސަރުކާރުން ފްލެޓު ލިބުނުކަމުގެ ލިޔުން ދޫކުރި ބައެއް މީހުންގެ ފްލެޓް ވަނީ ގެއްލިފަ އެވެ. އަދި ފްލެޓުތަކަށް ކޮމިޓީން ޕޮއިންޓް ދީފައި ވަނީ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު އަޅާފައިވެ އެވެ. އެތަންތަނުގައި ޖުމްލަ 7،000 އެޕާޓްމެންޓު ހުންނައިރު ކޮންމެ އިމާރާތެއްގެވެސް އެންމެ ތިރި ކޮމާޝަލް ބޭނުމަށް ހާއްސަ ކުރުމުން މީހުން ދިރިއުޅުމަށް ދޫކުރާނީ 6،720 ފްލެޓެވެ.

މި ކެޓަގަރީތަކަށް ފްލެޓު ބަހާފައިވާ ގޮތަށް ބަލާއިރު H4 ކެޓަގަރީ އަށް ހާއްސަ ކޮށްފައިވަނީ 233 ފްލެޓެވެ. H5 ކެޓަގަރީ އިން 523 ފްލެޓު ދޭން ނިންމާފައިވާއިރު H6 ކެޓަގަރީ އިން 423 ފްލެޓު ދޭން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން H7 ކެޓަގަރީ އަށް 805 ފްލެޓު ހާއްސަ ކޮށްފައިވާއިރު H8 ކެޓަގަރީ އަށް 1،837 ފްލެޓު ވަނީ ހާއްސަ ކޮށްފައެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް 200 ފްލެޓް، ސިވިލް ސާވަންޓުންނަށް 1000 ފްލެޓް ދަފްތަރު ކެޓަގަރީއަށް 1044 ފްލެޓް ވަނީ ކަނޑައަޅައިފަ އެވެ.

ފްލެޓު ކޮމެޓީ އިން ބުނީ ކޮންމެ ކެޓަގަރީއެއްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ލިސްޓް ތައްޔާރުކޮށްފައިވާނީ، 24 އޮގަސްޓު 2020 ގައި ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން "ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންގެންދާ 16 އިމާރާތުގައި ހުރި 2 ކޮޓަރީގެ 6720 ފުލެޓް ކެޓަގަރީތަކަށް، ފުލެޓްތަކުގެ އަދަދު ކަނޑައެޅުމާގުޅޭ" ގޮތުން ނެރެފައިވާ އިއުލާނުގައި ކަނޑައަޅާފައިވާ އެލޮކޭޝަނާ އެއްގޮތަށް ކަމަށެވެ.

ނަމަވެސް، ހިޔާ މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ސޯޝަލް ހައުސިންގއަށް ޝަރުތުހަމަވާ ފަރާތްތަކަކީ، 50 ޕަސެންޓު ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައްކަމަށް ކޮމިޓީއިން ކަނޑައަޅާފައިވާތީ، ދާއިމީ ލިސްޓް ފައިނަލް ކުރިއިރު، ބައެއް ކެޓަގަރީތަކަށް އެލޮކޭޓް ކޮށްފައިވާ ފްލެޓްގެ އަދަދަށްވުރެ އެ ކެޓަގަރީތަކުން ފްލެޓް ލިބޭ ފަރާތްތަކުގެ އަދަދު މަދުވެފައިވާ ކަމަށް ބުންޏެވެ.

ކޮމެޓީ އިން ބުނީ ހިޔާ މަޝްރޫއުގެ ފްލެޓް އެލޮކޭޓްކުރާއިރު، މާލޭގެ ރަށްވެހިންނަށް ފުރުސަތު ބޮޑުވާނެގޮތަށް ފްލެޓް އެލޮކޭޓްކުރުމުގެ އުސޫލަށް ބަދަލުގެންނެވުން އެންމެ ރަނގަޅުކަމުގައި ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާތީ، އެކި ކެޓަގަރީތަކުން މިގޮތަށް ބާކީވާ ފްލެޓް H8 (މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީ) އަށް އިތުރުކޮށްފައިވާނެ ކަމަށެވެ.