10 Feb 2021, 18:37
މިދިޔަ ހޯމަ ދުވަހުގެ ރޭ ގއ. މާމެންދޫގައި ހިނގައި ދިޔަ ހާދިސާގައި މަރުވި ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ބޭރަށް ފޮނުވަން މާލެ ގެނެސްފި އެވެ.
މާމެންދޫގައި ދެ ގުރޫޕެއް ދެމެދު ހިނގައި ދިޔަ މާރާމާރީގައި މަރުވީ އަހުމަދު އުދައްޔު،17، އެވެ. އެ މާރާމާރީގައި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ފިރުޝާން ޒާހިރަށް ވެސް ވަނީ އަނިޔާ ލިބިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވި ގޮތުގައި އުދައްޔުގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް މިހާރު ވަނީ މާލެ ގެނެސްފަ އެވެ. ހަށިގަނޑު ފޮނުވަނީ ކޮން ގައުމަކަށްތޯ އަދި އެކަމުގެ ތަފްސީލު ހުރިހާ ކަމެއް ނިމުމުން ހާމަ ކުރައްވާނެ ކަމަށް ފުލުހުން ބުންޏެވެ.
އުދައްޔުގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހަދަނީ މަރުވި ސީދާ ސަބަބު ހޯދުމަށް އަދި ތަހުގީގާއި ޝަރީއަތުގެ މަރުހަލާއަށް ކުރިމަތިވާ ގިނަ ސުވާލުތަކެއްގެ ތަފްސީލީ ޖަވާބު ޕޯސްޓުމޯޓަމްއިން ލިބިގެންދާނެތީވެ ކަމަށް ފުލުހުން ބުންޏެވެ.
"އެހެންކަމުން ފުރިހަމަ ތަހުގީގެއް ކުރުމަށާއި މައްސަލައިގެ ހުރިހާ މަރުހަލާއެއް ވެސް ކާމިޔާބު ކުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ ޕޯސްޓުމޯޓަމް ހަދަން ނިންމާފައި ވަނީ." ފުލުހުން ބުންޏެވެ.
މާމެންދޫގައި ހިނގައި ދިޔަ މާރަމާރީ ފުުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ދަނީ ތަހުގީގުކުރަމުންނެވެ. މައްސަލައާ ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.