ނޭޕިޑޯ (ފެބްރުއަރީ 10): މިޔަންމާގެ ކުރީގެ ލީޑަރު އަންގް ސަން ސޫޗީގެ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ)ގެ މައި އޮފީހަށް އެގައުމުގެ ސިފައިން ވަދެ، ގެއްލުން ދީފި ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެންއެލްޑީގެ ފޭސްބުކް އެކައުންޓުން ހިއްސާ ކުރި ކުރު ބަޔާނެއްގައިވާ ގޮތުން ޔަންގޮންގައި ހުންނަ އެ ޕާޓީގެ އޮފީހަށް ސިފައިން ވަނީ ރޭގެ ވަގުތެއްގަ އެވެ.

"ރޭ 9:30ހާ އިރު ހުދުމުހުތާރު އަސްކަރިއްޔާއިން ވަނީ އެންއެލްޑީގެ މައި އޮފީސް ރޭޑުކޮށް، ގެއްލުން ދީފަ،" އެ ބަޔާނުގައިވެ އެވެ.

އެންއެލްޑީން އެފަދައިން ބުނީ، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިޔަންމާގެ އެތައް ހާސް ރައްޔިތުން އެގައުމުގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ބާއްވަމުން ދަނިކޮށެވެ. އަދި އެ އެއްވުންތައް ހުއްޓުވުމަށް ބައެއް ސަރަހައްދުތަކުގައި އަސްކަރީ ގާނޫނު ހިންގާ، ކާފިއު އިއުލާންކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިން ނަމަވެސް މުޒާހަރާތަކުގައި މީހުން ބައިވެރިވަމުން ދަނިކޮށެވެ.

އިއްޔެ މިޔަންމާގެ ވެރިރަށް ނޭޕިޑޯގައި ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ވޯޓާ ކެނަން ބޭނުންކޮށް ވައިގެ ތެރެއަށް ބަޑި ޖެހި އެވެ. އަދި ފަހުން މުޒާހަރާ ކުރާ މީހުންނާ ދިމާލަށް ރަބަރު އުންޑަ ޖެހުމުން ދެ މީހަކަށް އަނިޔާވެފައިވެ އެވެ. އޭގެ ތެރެއިން އެކަކުގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މިޔަންމާގައި މުޒާހަރާ ކުރާ މީހުން ދަނީ އަސްކަރީ ސަރުކާރު ނިމުމަކަށް ގެނައުމަށާއި ހައްޔަރުކޮށްފައިވާ ސޫޗީ ދޫކޮށްލުމަށް ގޮވާލަމުންނެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ސޫޗީ އާއި އޭނާގެ ސަރުކާރުގެ އިސް ވެރިން ހައްޔަރު ކުރުމަށް ފަހު ބަޣާވާތް ކުރީ މި މަހުގެ އެކެއްގަ އެވެ. އެއީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަަމަށް ބުނެ އެވެ. އަދި އަސްކަރިއްޔާއިން ވަނީ ސޫޗީގެ ޕާޓީން ޕާލިމެންޓުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރި އެ އިންތިހާބު އުވާލާ، އާ ވޯޓެއް ނަގާނެ ކަމަށް ބުނެފަ އެވެ.