10 Feb 2021, 15:41
ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ގެއްލުވާލި މައްސަލައިގެ ޝަރީއަތަށް ހެއްކެއްގެ ގޮތުގައި، ފުލުހުންނަށް ފެނުނު ވަޅި ހުށަހަޅާފައި ނުވާތީ އޭނާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ހުޅުމާލޭގައި ރިލްވާން ދިރިއުޅެމުން ދިޔަ 21 ނަމްބަރު ފްލެޓް ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓުނު ކަމަށް ބުނާ ވަޅިއެއްގެ ފޮޓޯ އާންމުކޮށް، އޭގެ މައުލޫމާތު އެނގޭ މީހަކަށް 500،000 ރުފިޔާ ދޭން މަރު ކޮމިޝަނުން މި ހަފްތާގައި ވަނީ އިއުލާނުކޮށްފަ އެވެ. އެ ވަޅި ރާއްޖެ އިން ބޭރަށް ފޮނުވައިގެން ހޯދެން ހުރި ފޮރެންސިކް ތަހުލީލުތައް ހޯދުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެކޮމިޝަނުން ބުނާ ގޮތުގައި އެ ވަޅިއަކީ އެ މައްސަލާގައި ވަރަށް މުހިންމު ހެއްކެކެވެ.
ޔާމީންއާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ހަނދާނުގައި އުފެއްދި އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން ދަ މޯލްޑިވްސް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވަނީ ރިލްވާންގެ އާއިލާ އިން އެކަމާ ގުޅޭ ގޮތުން ފާހަގަ ކުރާ ބައެއް ކަންތައްތައް އާންމުކޮށްފަ އެވެ.

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ---
ރިލްވާންގެ އާއިލާ އިން ފާހަގަކޮށްފައި ވަނީ، "ރިލްވާން ވަގަށް ނެގި" ހާދިސާގައި ބޭނުންކޮށްފައިވާ ކަމަށް ކޮމިޝަނުން ގަބޫލު ކުރާ ވަޅިއަކީ ފުލުހުންގެ އަތުގައި އޮތް ވަޅިއަކަށްވާ އިރު، އެއީ ރިލްވާން ގެއްލުވާލި މައްސަލައިގެ ޝަރީއަތަށް ދައުލަތުން ހުށަހަޅާފައި ނުވާ ހެއްކެއް ކަމެވެ. އަދި އެ ހެކި ހުށަހެޅުމުގައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅެއް އެޅިފައި ނެތުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.
"ހެކި ހުށަހެޅުމުގައި އިހުމާލުވެފައިވާ ފުލުހުންނާއި ދައުލަތުގެ ވަކީލުންނާ މެދު އަދާ ހަމައަށް ވެސް ފިޔަވަޅެއް އަޅާފައިވާކަން އެނގެން ނެތުމަކީ މިފަދަ ބޮޑެތި މައްސަލަތަކުގައި ދައުލަތުން އަމަލުކުރަމުންދާ ގޮތާ މެދު އާއިލާއަށް ސުވާލު އުފެދޭ ކަމެކެވެ،" އެ ނޫސްބަޔާނުގައިވެ އެވެ.
ރިލްވާންގެ މަރުގެ މައްސަލާގައި ކުރިއެރުންތަކެއް ލިބޭ ކަމަށް ކޮމިޝަނުން ބުނުމަކީ އުންމީދު ލިބޭ ކަމެއް ކަމަށް އެ އާއިލާއިން ބުނެފައިވެ އެވެ. ކޮމިޝަނުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެނގޭ ފަރާތްތަކުން ކޮމިޝަނާ ހިއްސާ ކުރުމަށް ވެސް އެދިފައިވެ އެވެ.

ޔާމީން ރަޝީދާއި ރިލްވާނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މަލޭގައި ކުރިއަށްގެންދިޔަ މުޒާހަރާ --- ފޮޓޯ/ އެމްޑީޕީ
ކޮމިޝަން އުފެދުނު ފަހުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ އެއްވެސް މައްސަލައެއްގައި ތުހުމަތު ކުރެވޭ ބައެއްގެ މައްޗަށް ޖިނާއި ދައުވާއެއް ކުރެވޭ ހިސާބަށް ގޮސްފައި ނުވާތީ އެކަމާ ވެސް އެ އާއިލާއިން ކަންބޮޑުވުން ފާޅު ކުރި އެވެ. ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ތަހުގީގު ނިންމޭނެ ކަމަށް ކޮމިޝަނުން މީގެ ކުރިން ބުނެފައިވާކަން ވެސް ފާހަގަ ކުރި އެވެ.
ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކުގެ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައިވާ ކަމަށް ކޮމިޝަނުން ބުނި ނަމަވެސް، ކޮމިޝަނުން ބަލާ މައްސަލަތަކުގެ މައުލޫމާތުތައް އަނިޔާ ލިބިފައިވާ އާއިލާތަކާ ހިއްސާ ނުކުރާކަން ރިލްވާންގެ އާއިލާއިން ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ހުރިހާ މައްސަލަތަކެއް ވެސް ގޮސްފައިވާ ހިސާބެއް ހާމަ ކުރުމަށް ގޮވާލި އެވެ.
ރިލްވާން ގެއްލުނު މައްސަލަ ހާއްސަ ނުކޮށް، ކޮމިޝަނުން ބަލާ 27 މައްސަލަ ވެސް އެއްވަރަކަށް އަހައްމިއްޔަތުކަން ދީގެން ބެލުމަށް ވެސް އާއިލާ އިން އެދިފައިވެ އެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގު ލަސްވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށްދާތީ ކަމަށް ކޮމިޝަނުން ބުނާ ކަމަށާއި އެ މައްސަލައަކީ 2017 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ހިންގަމުންދާ ޝަރީއަތެއްކަން އެ އާއިލާއިން ފާހަގަ ކުރި އެވެ. އެހެންކަމުން، ޝަރީއަތް އިތުރަށް ލަސްނުވާނެ ގޮތަށް އަމަލު ކުރުމަށް، ދައުލަތުގެ މުއައްސަސާތަކުން، ވަކިން ހާއްސަކޮށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މަސައްކަތްކޮށްދިނުމަށްވެސް އެދިފައިވެ އެވެ.