މި މަސް ނިމުމުގެ ކުރިން ކޮވިޑު ވެކްސިންގެ އިތުރު 100،000 ޑޯޒް ރާއްޖެ ގެނެވޭނެކަމަށް އުންމީދުކުރެވޭ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ އިތުރު ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މި މަސް ނިމުމުގެ ކުރިން ވެކްސިންގެ އިތުރު އެއް ލައްކަ ޑޯޒް ރާއްޖެ ގެންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

އޭގެ އިތުރުން މިއަދު ވެސް ރާއްޖެއަށް 5،000 ޑޯޒް ރާއްޖެ ގެނެސްފައިވާ ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ. މަބްރޫކް ވިދާޅުވީ އެކަމުގެ އިތުރު މައުލޫމާތު ހާމަކުރާނީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކަމަށެވެ.

މީގެކުރިން އެޗްއީއޯސީން ބުނެފައި ވަނީ ރާއްޖެއަށް ހެޔޮއެދޭ ފަރާތަކުން ޗައިނާ އިން އުފެއްދި، ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒް ހަދިޔާ ކޮށްފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މި އަހަރުގެ ތެރޭގައި އިތުރު ވެކްސިން ރާއްޖެ އަންނާނެ ކަމަށާއި ނަމަވެސް ސީދާ ތާރީހެއް ދަންނަވަން ނޭނގޭ ކަމަށެވެ.

"މިމަސް ނިމުމުގެ ކުރިން އިތުރު އެއް ލައްކަ ޑޯޒް އަޅުގަނޑުމެންނަށް ލިބޭނެކަމުގެ އުންމީދުގައި މި ތިބީ، އެކަމަށް މަސައްކަތްތަކެއް ހުރީ ކުރެވިފަ،" މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ. އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.