ވޮޝިންޓަން (ފެބްރުއަރީ 10) : އެމެރިކާއިން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލުގައި ފިއްތުންތައް އިތުރުކުރަން ފަށައިފިނަމަ އަމިއްލަ ނަފްސުގެ ދިފާއުގައި ނިއުކްލިޔާ ހަތިޔާރު އުފައްދަން ޖެހިދާނެކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އީރާނުގެ ދާޚިލީ އަމަނާއި ޖާސޫސީ ކަންތައްތަކާބެހޭ ވަޒީރު މަހްމޫދު އަލަވީ ވިދާޅުވީ އެމެރިކާއާއި އެމެރިކާއަށް ވާގިވެރިވާ ފަރާތްތަކުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ބިރު ދައްކައި އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓުން އަވަހާރަކޮށްލުމުގެ ޖަރީމާތައް ހިންގަމުންދާ ކަމަށާ އެކަންކަން ހައްލުކޮށް މަސްރަހު ފިނިކުރުމުގެ ބަދަލުގައި އީރާން އަބަދު ޕްރެޝަރުގައި ބާއްވައި ފިއްތުންތައް އިތުރުކުރަމުން ގެންދާނަމަ އަމިއްލަ ނަފްސުގެ ދިފާއުގައި ނިއުކްލިޔާ ހަތިޔާރު އުފައްދަން ޖެހިދާނެކަމުގައެވެ. ބޭނުންވެއްޖެނަމަ އެއީ އީރާނަށް ކުރެވިދާނެ ކަމެއްކަންވެސް އަލަވީ ފާހަގަ ކުރެއްވިއެވެ. މިކަމާބެހޭ އިތުރު ތަފްސީލު ނުދެއްވި ނަމަވެސް ނިއުކްލިޔާހަތިޔާރު އުފެއްދުމަށް އީރާން އަދި ނުނިންމާކަމަށް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

އެމެރިކާއާއި އިސްރާއީލު ގެންދަނީ އިސްރާއީލުގެ ނިއުކްލިޔާ ޕްރޮގްރާމާއި ސިއްރިޔާތުގައި އިސްރާއީލު އުފައްދާފައިވާ ނިއުކްލިޔާ ހަތިޔާރާއި އެނޫންވެސް އިސްރާއީލުން އުފައްދާ ހަތިޔާރުތަކަކީ ނެތްއެއްޗެއް ކަމަށް ހެދުމަށްފަހު އެކަން ފޮރުވައި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާއި ބަލިސްޓިކް މިސައިލް ޕްރޮގްރާމު ހުއްޓުވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމުގެ އަސްކަރީ ބައި ހުއްޓުވުމަށްޓަކައި އެމެރިކާއާއި ދުނިޔޭގެ އެހެން ބާރުތަކުން 2015 ވަނައަހަރު ވަނީ ނިއުކްލިޔާ އެއްބަސްވުމެއްގައި ސޮއިކޮށް އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައެވެ. ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާވަނީ ނިއުކްލިޔާ އެއްބަސްވުމުން ވަކިވެ އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅާފައެވެ. މިކަމުގެ ސަބަބުން އީރާނަށް 100 ބިލިޔަނަށްވުރެ ބޮޑު ގެއްލުމެއް ފާއިތުވި ހަތަރުއަހަރުތެރޭގައި ލިބިފައިވާކަމަށް އީރާނުން ބުނެއެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯބައިޑެން ވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫޢަވާނެކަމަށް އެމެރިކާގެ އިންތިޚާބުގެ ކޭންޕޭންގެ ދުވަސްވަރު އެތަށްފަހަރަކު ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ބައިޑެންގެ ސަރުކާރުން ގެންދަނީ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫޢަވުމަށް ތަފާތު ޝަރުތުތަކާއި ބަހަނާތައް ދައްކަމުންނެވެ.

މިބަހަނާ ތަކުގެ ތެރޭގައި އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމު ހުއްޓާލުމުގެ ކަންތައްވެސް ނިއުކްލިޔާ އެއްބަސްވުމުގައި ހިމެނުމަށް ބައިޑެންގެ ސަރުކާރުން ބާރުއެޅުން ހިމެނެއެވެ. މިއީ އިސްރާއީލާއި އިސްރާއީލުގެ އިސްތިއުމާރީ ހަރަކާތްތަކަށް ވާގިވެރިވާ އެމެރިކާގެ ޒަޔަނިސްޓް ޖަމާއަތްތަކުން ބައިޑެންގެ ސަރުކާރަށް ކުރިމަތިކުރާ ފިއްތުންތަކުގެ ސަބަބުން ވާކަމެއްކަމަށް މުހައްލިލުން ދެކެއެވެ.

އީރާނުންވަނީ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވެ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލާނަމަ އީރާނުގެ ނިއުކްލިޔާ ސައިޓްތައް ބަލައި ފާސްކުރުމުގެ ހުއްދަ އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީއަށް ދޭ އެޑިޝަނަލް ޕްރޮޓެކޯލުން މިމަހުގެ 21 ގައި ވަކިވާނެކަމުގެ އިންޒާރުވެސް ދީފައެވެ. އީރާނަކީ ބޭނުންވެއްޖެ ހިނދެއްގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ އިލްމީ އަދި ފަންނީ ގާބިލްކަން ލިބިފައިވާ ނިއުކްލިޔާ ހަތިޔާރުގެ އޮޅިގަނޑުގައިވާ ގައުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ + އަލްއާލަމް)