10 Feb 2021, 14:04
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަމަށް އާންމުންގެ ޝަކުވާއެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.
މިިދިޔަ އަހަރު ސެމްޓެމްބަރު 12އަށް އެޗްއާރުސީއެމްގެ މެމްބަރެއްގެ ދައުރު ހަމަވާތީވެ، ރައީސް އެ މަގާމަށް އައްޔަން ކުރަން އައިޝަތު ލީޒާ، އޭރީޒް/ށ. ކޮމަންޑޫގެ ނަން މަޖިލީހަށް ފޮނުވީ، މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.
އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ލިޒާގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
މިއަދު މަޖިލީހުން ކުރި އިއުލާންގައި ބުނީ، ލީޒާއާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާއެއް ވާނަމަ، މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން އެކަން މަޖިލީހުގެ އިދާރާއަށް އެ ޝަކުވާއެއް ހުށަހެޅުމަށެވެ.
ޝަކުވާ ހުށަހަޅާނީ، ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ގުޅޭނެ ނަންބަރު އެނގޭނެ ގޮތަށް ކޮމިޓީގެ އީމެއިލް އެޑްރެސް ([email protected]) އަށެވެ. އަދި މަޖިލިސް އިދާރާއަށް ލިޔުމުންވެސް ޝަކުވާ ހުށަހެޅޭ އެވެ.