ރާއްޖެއަށް އަންނަ ޓޫރިސްޓުނަށް ކޮވިޑް19ގެ ވެކްސިން ދިނުމަށް ޓަކައި، ވެކްސިން ޓޫރިޒަމް މޮޑެލްއަކަށް ދިއުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މައުސޫމް ވިދާޅުވީ "ވެކްސިން ޓޫރިޒަމް"ގެ ވިސްނުންފުޅެއް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ކަމަށާއި އެ ވިސްނުންފުޅަށް ތާއީދުކުރައްވާ ކަމަށެވެ.

"ރައީސް ސޯލިހު ގެންގުޅުއްވާ ވިސްނުންފުޅެއް، އަޅުގަނޑުމެން ވެސް ވަރަށް ތާއިދުކުރާ ވިސްނުންފުޅެއް، ވެކްސިން ޓޫރިޒަމަކީ... ތިން 'ވީ'، ވިޒިޓް، ވެކްސިން، ވެކޭޝަން ޓޫރިޒަމް ކުރިއަށްގެންދިއުމުގެ ވިސްނުން އެބައޮތް." މިނިސްޓަރު ވިދާޅުވި އެވެ.

ހަމައެއާ އެކު ވެކްސިންގެ ދެ ޑޯޒު ޖަހަން ޖެހޭތީ، ވެކްސިން ޓޫރިޒަމަކީ ވަރަށް ފައިދާކުރާނެ މޮޑެލްއެއް ކަމަށް ވެސް މިނިސްޓަރު މައުސޫމް ފާހަގަކުރެއްވި އެވެ.

"އެއްބައި ސައިންސުވެރިން އެބަ ބުނޭ ހަތަރު ހަފުތާއަށް ފަހު ދެވަނަ ޑޯޒު ޖަހަން. ބައެއް މައުލޫމާތުގައި އެބަހުރި ތިން ހަފުތާއަށް ފަހު ދެ ވަނަ ޑޯޒު ޖަހާ ވެކްސިން ގެންގުޅޭ ކަމަށް ވެސް. އެހެންވީމަ ކޮންމެ ގޮތެއްވިޔަސް ތިން ހަފުތާއަށް ފަތުރުވެރިން ތިބޭނެ. ދިގު މުއްދަތަކަށް ފަތުރުވެރިން ތިބުން ވާނީ ވަރަށް ބޮޑު ފައިދާއަކަށް." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި މޮޑެލްއަށް ދިއުން އަދި މަޑުޖައްސާލާފައި އޮތީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ދިނުމަށް ސަރުކާރުން އިސްކަންދޭތީ ކަމަށެވެ.

ހަމައެއާ އެކު ދުނިޔޭގެ ބައެއް ތަންތަނުން ވެކްސިން ލިބުމުގައި ތާށިކަމެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް ފަތުރުވެރިންނަށް ވެކްސިން ދިނުމުގައި އެޗްޕީއޭ އިން ގޮތެއް ނިންމުމުން އެކަން ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ރާއްޖެ ގުނިގެންދާނެ ވެކްސިން ޓޫރިޒަމް ފެށޭ ގައުމެއްގެ ގޮތުގައި." މިނިސްޓަރު ވިދާޅުވި އެވެ.