ކުރީގެ އެޓޯލްސް މިނިސްޓްރީން އަތޮޅުތަކުގެ މިސްކިތްތަކަށް ސައުންޑް ސިސްޓަމްތައް ގަތުމުގައި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ]ރެޑްވޭވް ސަލީމް[ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވި ކަމަށް ބުނެ ދައުލަތުން ކޮށްފައިވާ ދައުވާގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް މިއަދު ނަގައިފި އެވެ.

ރެޑްވޭވް ސަލީމްގެ މައްޗަށް އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ އަތޮޅުތަކުގެ މިސްކިތްތަކަށް ސައުންޑް ސިސްޓަމްތައް ގަތުމަށް ނޭޒާ އެންޓަޕްރައިޒަސް އާ ހަވާލުކޮށްފައި ވަނީ އިއުލާން ކުރުމެއްނެތި އެޓޯލްސް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުރެ ގަވާއިދާއި ޚިލާފަށް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކަމަށް ބުނެ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ނަގާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހުމަދު ނާޒިމްގެ މެނޭޖިން ޑިރެކްޓަރުކަމުގެ ދަށުން ހިންގާ ނަމީރާ އިންޖިނިއަރިންގައި ވަޒީފާ އަދާކޮށްފައިވާ މުހައްމަދު އިރުޝާދު ކިޔާމީހެއްގެ ފަރާތުންނެވެ.

ނަމީރާ އަށް ޕްރޮޖެކްޓުތަކުން ލިބޭ ފައިސާ ނެގުމަށް އެޓޯލްސް މިނިސްޓްރީ އަށް ދިޔައިންތޯ ދައުލަތުން އެއްސެވުމުން އިރުޝާދު ބުނީ ޕްރޮޖެކްޓުތަކުން ކުންފުންޏަށް ލިބޭ ފައިސާ އެޓޯލްސް މިނިސްޓްރީން އޭނާ ނަގާ ކަމަށެވެ.
"ޕްރޮޖެކްޓުތަކުން ކުންފުންޏަށް ލިބޭ ފައިސާ އަޅުގަނޑު މިނިސްޓްރީން ނަގަން،" އިރުޝާދު ބުންޏެވެ.

ރެޑްވޭވް ސަލީމް އާއި އެއްވެސް ފަހަރަކު ފައިސާ ހަވާލުކުރިންތޯ ދައުލަތުގެ ވަކީލު އެއްސެވުމުން އިރުޝާދު ބުނީ އޭނާ އަމިއްލަ އަށް ވައުޗަރު ލިޔެ އެޓޯލްސް މިނިސްޓްރީ އަށް ގޮސް ރެޑްވޭވް ސަލީމްއާ ފައިސާ ހަވާލުކުރި ކަމަށާއި ނަމަވެސް ފައިސާ ހަވާލުވުމަށް ފަހު ސަލީމް ވައުޗަރުގައި ސޮއިނުކުރެއްވި ކަމަށެވެ. އަދި ބުނީ ސަލީމް ވައުޗަރުގައި ސޮއިނުކުރުމުން އޭނާ ވައުޗަރުގައި އަމިއްލައަށް ސޮއި ކުރިކަމަށެވެ.

"އަޅުގަނޑު އަމިއްލަ އަށް ވައުޗަރު ލިޔެގެން އެޓޯލްސް މިނިސްޓްރީ އަށް ގޮސް ސަލީމާ ފައިސާ ހަވާލުކުރިން. އެކަމަކު ސަލީމް ވައުޗަރުގައި ސޮއި ނުކުރެއްވި. ދެން އަޅުގަނޑު އަމިއްލައަށް ވައުޗަރުގައި ސޮއި ކުރިން،" އިރުޝާދު ބުންޏެވެ.

ސަލީމްއާ ހަވާލުކުރީ ކޮން ފައިސާއެއްތޯ ދައުލަތުގެ ވަކީލު އެއްސެވުމުން އިރުޝާދު ބުނީ އެއީ ކޮން ޕްރޮޖެކްޓެއްގެ ފައިސާއެއް ކަމެއް މިހާރު ހަނދާނެއް ނެތް ކަމަށެވެ.

"އެއީ ލައިޓްގެ މަސައްކަތްތޯ ނުވަތަ ފުލެގްސްތަކުގެ މަސައްކަތްތޯ އަޅުގަނޑު މިވަގުތަކު ހަނދާނެއް ނެތް،" އޭނާ ބުންޏެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރެޑްވޭވް ސަލީމް ބުނީ ހެކިބަސްދިން އިރުޝާދު ދެއްކި ވާހަކަތަކަށް އިންކާރު ކުރައްވާ ކަމަށާއި އިރުޝާދު އަކީ ދަންނަ މީހެއް ވެސް ނޫންކަމަށެވެ.

"އެވާހަކަތަކަށް އަޅުގަނޑު އިންކާރުކުރަން. އިރުޝާދަކީ އަޅުގަނޑު ދަންނަ މީހެއްނޫން. އެހައްދަވަނީ ދޮގު،" ސަލީމް ވިދާޅުވި އެވެ.

ފައިސާ ހަވާލުކުރުމަށް ދިޔަކަމަށް އިރުޝާދު އަމިއްލަޔަށް ބުނާ ބުނުން ފިޔަވައި އެކަން އެނގޭނީ ކާކަށްތޯ ރެޑްވޭވް ސަލީމުގެ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އެއްސެވުމުން އިރުޝާދު ބުނީ އެފައިސާ ހަވާލުކުރިކަން އެއްވެސް މީހަކަށް ނޭނގޭނެ ކަމަށެވެ.

އެފައިސާ ހަވާލުކުރީ ކާކު ބުނެގެންތޯ ވައްޑޭ އެއްސެވުމުން އޭނާ ބުނީ ފައިސާ ހަވާލުކުރީ ނާޒިމް ބުނެގެން ކަމަށެވެ.
ވައުޗަރުގައި ސޮއިކުރަން ޖެހޭނީ ފައިސާ ލިބެން ޖެހޭ ފަރާތުންތޯ ނުވަތަ ވައުޗަރު ގެންދާ ފަރާތުންތޯ ވައްޑޭ އެއްސެވުމުން އޭނާ ބުނީ އޭގައި ސޮއިކުރަން ޖެހޭނީ ފައިސާ ގެންދިޔުމުން ފައިސާއާ ހަވާލުވާން ޖެހޭ ފަރާތުން ކަމަށެވެ. ނަމަވެސް ރެޑްވޭވް ސަލީމް ފައިސާ އާ ހަވާލުނުވުމުން އެ ވައުޗަރުގައި ސޮއިކޮށްފައި ވަނީ އޭނާ އަމިއްލަ އަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އިރުޝާދާ ސުވާލުކޮށް ނިމުމުން ވައްޑޭ ވިދާޅުވީ އިރުޝާދުގެ ބަހުން އެނގުނީ ދޭއްޗެއް ކަމަށާއި އެކައްޗަކީ އެއީ މީހަކަށް ފައިސާ ދޭ ކަމަށް ބުނެ އެފައިސާ އަމިއްލައަށް ބޭނުންކުރުން ކަމާއި ނޫން ނަމަ ޝަރީއަތުގެ މަޖިލީހުގައި ދޮގުހެދުން ކަމަށެވެ. އެހެންކަމުން އޭނާ ދިން ހެކިބަހުގައި ޝަރުއީ ގޮތުން ނުވަތަ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނެތްކަމަށް ވެސް ވައްޑޭ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެންއޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ރެޑްވޭވް ސަލީމުގެ ފަރާތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނަގާނެކަމަށް އިއުލާންކުރެއްވުމަށް ފަހު އެވެ.