މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މީގެ 10 އަހަރު ކުރިން މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ހެކިބަސް ދިން މިރުފަތު ހަނީފް (ހަނީ) މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ ކުރީ ޑިސެމްބަރު، 20، 2009 އިން ފެށިގެން މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރިޔަމް ޝީރީނާއެކު އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލާފައިވާ ކަމަށް ބުނެ އެވެ. އޭނާ މަރާލީ 2009ގެ އާ އަހަރުގެ ރެޔާ ދިމާކޮށެވެ. ކްރިމިނަލް ކޯޓްގެ ޝަރީއަތުގައި ދައުލަތުން ބުނެފައި ވަނީ، ނަޖާހު ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އިމާރާތްކުރަމުންދިޔަ ގެއެއްކަމުގައިވާ މ. އަންގާގިރީގައި ބަހައްޓާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކަމަށް ހައިކޯޓުން ކަނޑައެޅީ މިދިޔަ އޯގަސްޓް މަހުގެ ފަސް ވަނަ ދުވަހު އެވެ. ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ގަސްތުގައި މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވި ނަމަވެސް ހުށަހަޅާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ނަޖާހުގެ މައްޗަށް "ގަސްދުމަރާއި ވައްތަރުގެ މަރު" ޝަރީއަތަށް ސާބިތުވާކަމަށެވެ. އެހެންކަމުން 12 އަހަރުގެ ޖަލު ހުކުމެއް ހައިކޯޓުން ވަނީ އޭނާގެ މައްޗަށް އިއްވައިފަ އެވެ.

ހައިކޯޓުގެ ހުކުމް ނަޖާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، މިއަދު އެ މައްސަލައިގެ އަޑުއެހުމެއް ވަނީ ބާއްވައިފަ އެވެ. ޝީރީންގެ މަރުގެ މައްސަލައިގައި ދީފައިވާ ހެކިބަހާ ބެހޭގޮތުން ސާފުކުރަން ބޭނުންވާ ބައެއް ކަންކަން ސާފު ކުރުމަށް ހެކިބަސް ދިން މިރުފަތު ހަނީ (ހަނީ) މިއަދު ވަނީ ހާޒިރުކޮށްފަ އެވެ. ހަނީއަކީ ޝީރީން ދިރިއުޅުނު ގޭގެ ވެރިފަރާތެވެ. އޭނާ އަޑުއެހުމުގައި ބައިވެރިވީ މާފުށީ މެޖިސްޓްރޭޓު ކޯޓުން އޮންލައިންކޮށެވެ. އޭނާ މިހާރު ގެންދަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ފަނޑިޔާރު ސުއޫދު މިއަދު އެންމެ ފުރަތަމަ އެއްސެވީ، ރަށުން ޝީރީން ކުއްލިއަކަށް މާލެއަށް އައީ ކީއްވެގެންކަން ޝީރީން ހަނީ ގާތުގައި ބުނެފައިވޭތޯ އެވެ. ހަނީ ބުނީ އޭނާ މާލެ އައީ ކީއްވެ ކަމެއް ޝީރީން ބުނެފައި ނުވާ ކަމަށެވެ.

ޝީރީން މަރާލި ދުވަހު އޭނާގެ ކޮޓަރީގެ ދޮރު ކައިވަތަކަށް ހުޅުވާފައި ބެލި ކަމަށް ބުނެފައިވާ ކަމަށާއި، ހުޅުވައި ބެލި އިރު ކޮޓަރީގެ ފާރާވީ ފަރާތަށް އެނބުރިގެން އޮށޯވެގެން އޮތްތަން ފެނިފައިވާ ކަމަށް ހަނީ ބުނެފައިވާކަން ފަނޑިޔާރު ސުއޫދު ފާހަގަކުރެއްވި އެވެ. ޝީރީންގެ ކޮޓަރި ބަލަން ޖެހުނީ ކީއްވެތޯ އަދި ޝީރީނަށް ވެފައި އޮތީ ކީއްވެތޯ އަހަން ޖެހުނީ ކީއްވެތޯ ފަނޑިޔާރު ސުއޫދު އެއްސެވި އެވެ.

ހަނީ ބުނީ ޝީރީންއަކީ ނިދާފައި ނޫނިއްޔާ ކޮޓަރިތެރޭގައި މާ ގިނަ އިރު ކުރާ މީހުން ނޫން ކަމަށެވެ. އެހެންކަމުން، ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާ ބަލާލީ ކަމަށެވެ. އޭރު ނަޖާހު ހުރީ ސިޓިން ރޫމް ކައިރި ބެލްކަނީގައި ކަމަށް އޭނާ ބުންޏެވެ. ކޮޓަރީގެ ދޮރު ހުޅުވާ ބަލާލި އިރު ޝީރީން އޮތީ ބާލީހެއްގައި ބައްދައިގެން ފާރާވީ ކޮޅަށް އެނބުރިގެން ކަމަށް އޭނާ ބުންޏެވެ.

ހަނީ އަނބުރާ ކޮޓަރިއަށް ދާން އެނބުރުނު އިރު ނަޖާހު ހުރީ ފަހަތުގައި ކަމަށާއި، އޭނާ ފެނުމުން ޝީރީނު އޮތީ ކިހިނެއްވެފައިތޯ ނަޖާހު ގާތުގައި އެހި ކަމަށް ބުންޏެވެ. ޖަވާބުގައި، އޭނާ އޮތީ ބޮލަށް ތަދުވާތީ ތެޔޮ ބިޑިއެއް ބޯލައިގެން ކަމަށް ނަޖާހު ބުނި ކަމަށް ހަނީ މިއަދު ކިޔައިދިނެވެ.

އެ ރޭ ނިދަން ވަނުމުގެ ކުރިން ނަޖާހު ބުނެގެން އޭނާއަށް ފެންފުޅިއެއް ދިން ކަމަށް ބުނެފައިވާ ކަމަށްވެސް ހަނީ ބުންޏެވެ. އެ ރޭ ފަތިހު ހަތަރެއް ޖަހާކަންހާއިރު، އެއްޗެއް ތަޅައިގެން ދިޔަ ކަހަލަ އަޑަކާ ވައްތަރު އަޑެއް އިވުނު ކަމަށް އޭނާ ބުންޏެވެ. އެ އަޑު އިވުމުން ކޮޓަރި ދޮރު ހުޅުވާ ބަލާލި އިރު ނަޖާހު ކޮޓަރި ބޭރުގައި ހުރުމުން ކޮން އަޑެއްތޯ އެހި ކަމަށް އެނާ ބުންޏެވެ. އަޑެއް އިވުނުހޭ އަހާފައި ނަޖާހު އަވަހަށް ކޮޓަރިއަށް ވަނީ ކަމަށް ހަނީ ބުންޏެވެ. އޭގެ އިތުރުން އެއްވެސް އަޑެއް އިވުނުތޯ ފަނޑިޔާރު ސުއޫދު ސުވާލުރެއްވި އެވެ. ނަމަވެސް އިތުރު އެއްވެސް އަޑެއް ނީވޭ ކަމަށް ހަނީ ބުންޏެވެ.

ޝީރީން ހަނީގެ ގެއަށް ބަދަލުވެ، އެ ގޭގައި އުޅުނު މުއްދަތުގައި އޭނާ އާއި ނަޖާހުއާ ދެމެދު އަރައިރުމެއް ހިނގިތޯ ފާހަގަވިތޯވެސް ސުވާލުކުރެއްވި އެވެ. ހަނީ ބުނީ އެ މުއްދަތުގައި އެ ދެ މީހުންގެ ދެމެދުގައި ހަމަނުޖެހިން ހިނގިކަން ފާހަގަކުރެވުނު ކަމަށެވެ.

ނަޖާހުއަކީ މާ ގިނައިން އޭނާއާ ވާހަކަ ދައްކާ އުޅޭ މީހެއް ނޫން ކަމަށް ހަނީ މިއަދު ބުނެފައިވެ އެވެ. ނަމަވެސް، އެއް ދުވަހު ނަޖާހު ޝީރީންއަށް ފޯނުން ގުޅުމުން ޝީރީންގެ ދަރިފުޅު ފޯނު ހިފައިގެން ދިޔަ އިރު، އެ ގޭގައި ހުރި އެހެން މީހެއް ގާތުގައި އަޑުމަޑު ކުރަން އެ ކުއްޖާ އެދުމުން އެ މީހާ އަކީ ކާކުތޯ އޭނާ ހަނީފާ ސުވާލު ކުރި ކަމަށް ބުންޏެވެ. ހަނީ ބުނި ގޮތުގައި އެ ގޭގައި ހުރި މީހަކީ އޭނާގެ ރައްޓެއްސެކެވެ.

އެ މައްސަލައިގައި މީގެ ކުރިން އޮތް އަޑުއެހުމުގައި ނަޖާހު ބުނެފައި ވަނީ ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 10:30 ހާއިރު އޭނައަށް ނިދުނު ކަމަށެވެ. އެ ރެއަކީ ނިއު އިޔާ ނައިޓު ކަމަށްވުމުން ޝީރީން ނިންމައިގެން ހުރީ އެ ރޭ 12 ޖަހާއިރަށް ކޮންމެވެސް ތަނަކަށް ދާން ކަމަށް ބުންޏެވެ. ނިދުނު ފަހުން އޭނާއަށް ދެން ހޭލެވުނީ އެ ރޭ ތިނެއް ޖަހާކަށް ހާއިރު ކަމަށާއި، އޭރު ޝީރީން ގޭގައި ނެތް ކަމަށް ނަޖާހު ބުނެފައިވެ އެވެ.

ނަޖާހު ބުނީ އެ ދެމީހުން ދިރިއުޅެމުން ދިޔައީ ޝީރީން ކުއްޔަށް ހިފާފައި ހުރި ތަނެއްގައި ކަމުން، ޝީރީން ނެތުމުން އެތަނުން ނުކުތުމަށް ގޭގެ ވެރިފަރާތް، ހަނީ އެންގި ކަމަށެވެ. އެގޮތަށް އެންގުމުން ޝީރީންގެ ފޮށްޓަށް އަންނައުނު އަޅައިގެން އެގެއިން ނުކުމެގެން ގޮސް އަންނައުނު ބެހެއްޓީ އޭނާއާއެކު މަސައްކަތް ކުރާ ބިދޭސީންތަކެއް ދިރިއުޅޭ ގެއެއްގައި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، ދައުލަތުން ތުހުމަތު ކުރަނީ އޭނާ އެ ރޭ ޝީރީން މަރާލާފައި، އެ ފޮށީގައި ގެންދިޔައީ ޝީރީންގެ ހަށިގަނޑު ކަމަށެވެ.

އެއްޗެއް ތަޅައިގެން ދިޔަ އަޑު އިވުމާ ގުޅޭ ގޮތުން މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ނަޖާހު ބުނެފައި ވަނީ އޭނާ އެ ރޭ ދަންވަރު ހޭލެވިގެން ފެން ބޮވައިގަނެގެން ފުރިޖުން ފެން ފުޅިއެއް ނަގައިގެން ކޮޓަރިއަށް ދިޔަ ކަމަށެވެ. ނަމަވެސް އޭނާގެ އެނދު މަތީގައި ފެން ފުޅި ބަހައްޓަން އުޅުމުގެ ތެރޭގައި އަތުން ފެން ފުޅި ދޫވެގެން ވެއްޓި ތެޅުނީ ކަމަށެވެ. އަދި ޝީރީން އެހެން މީހަކާ ރައްޓެހިވެގެން އުޅޭތޯ ހަނީ ގާތުގައި އެހިތޯ ސުވާލު ކުރުމުން އެ އަޑުއެހުމުގައި އޭނާ ބުނެފައި ވަނީ ނާހާ ކަމަށެވެ.

ޝީރީނު އާއި އޭނާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ނަޖާހު --

މިއަދު ދިފާއަށްވެސް ހަނީއާ ސުވާލު ކުރަން ފުރުސަތު ދިނެވެ. ނަމަވެސް، އެއްވެސް ސުވާލެއް ކުރަން ބޭނުންވޭތޯ ދިފާއީ ވަކީލު އަހުމަދު ޒަނީން އާދަމް އެއްސެވުމުން އޭނާ ބުނެފައި ވަނީ ސުވާލެއް ނެތް ކަމަށެވެ.

އެއްވެސް ގާނޫނަކާ ހަވާލާނުދީ މައްސަލަ ކުރިއަށްގެންދެވިދާނެތޯ މީގެ ކުރިން ޝަރީއަތުން އެހި ސުވާލެއްގެ ޖަވާބުގައި ދައުލަތުން ބުނެފައި ވަނީ އެގޮތަށް މައްސަލަ ކުރިއަށްގެންދެވިދާނެ ކަމަށް މީގެ ކުރިން ހައިކޯޓުން ނިންމާފައިވާ ބައެއް ނިންމުންތައް އެބަ ހުރި ކަމަށެވެ.

އޭގެ އިތުރުން މިއަދު ދައުލަތުން ބުނެފައި ވަނީ މަތީ މަރުހަލާގައި ދައުވާގެ ސިފަ ބަދަލު ކުރެވިދާނެ ކަމަށެވެ. އިސްލާމީ ޝަރީއަތުގެ ދަށުންވެސް އެއީ ކުރެވިދާނެ ކަމެއް ކަމަށާއި ބޭރުގެ އެހެން ގައުމުތަކުގައިވެސް އެކަން ކުރާ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، ދިފާއީ ވަކީލު އަހުމަދު ޒަނީން އާދަމް ބުނެފައި ވަނީ ދައުވާގެ ސިފަ ބަދަލު ކުރެވޭނީ ދަށު ކޯޓުތަކަށް އެކަނި ކަމަށެވެ. ހައިކޯޓަށް އެކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ގާނޫނުލްއުގޫބާތުގެ ދަށުން މަރުގެ މައްސަލަތަކުގައި ގާނޫނީ މާއްދާއަކާ ހަވާލާ ނުދީ ދައުވާ ކުރެވިދާނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށެވެ.

ދެން މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ މަހެއްހާ ދުވަސް ފަހުން ކަމަށް މިއަދު ބެންޗުން އިއުލާނުކޮށްފައިވެ އެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވާނީ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ސުއޫދެވެ.