މެންދުރުގެ ބަތް ތައްޓަށް ތިިޔަ ފިތާލާ ހުތް ފެހި ލުނބޯއިން ތައްޓަށް އިތުރުކޮށްދޭ މީރު ހުތް ރަހައިގެ އިތުރުންވެސް އެތަށް ގިނަ ބޭނުންތަކެއް ކުރެވޭ ކަން އެނގޭހެއްޔެވެ. އޭގެ ދުޅަހެޔޮކަމާއި ހަށިގަނޑަށް ގެނެސްދޭ އާރޯކަމުގެ އިތުރަށްވެސް ލުނބޯއަކީ ދިރިއުޅުމުގެ ތަފާތު އެކި ދިމާތަކަށްވެސް އޮތް ވަރަށް ބޮޑު އެހީއެކެވެ.

ލުނބޯ ތޮށްޓާއި ހިނިތަކެއް--

ގޭގައި ތިއުޅޭ ކުދި ސޫފާފޫފިން ސަލާމަތްކޮށްދޭނެ

ސިޓްރަސް ތެލަކީ ޒަމާނުއްސުރެވެސް ގޭގައި އުޅޭ ކުދި ސޫފިތަކުން ގޭތެރެ ރައްކާތެރިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދޭ އެއްޗެކެވެ. ލުނބޯގައި މި ތެޔޮ ރައްކާކުރެވިފައި ހުންނަނީ ތޮށީގައެވެ. އެހެންކަމުން ދެނަ ފަހަރަކުން ބޯކިބަލެއް އަޅަންވިޔަސް ބޭނުންކުރާ ލުނބޯގެ ތޮށި މަށާފައި މިފަދަ ކުދި ސޫފާ ސޫފިތައް އުޅޭހެން ހީވާ ދިމާތަކުގައި ބަހައްޓާށެވެ.

ލުނބޯ ހުތް ބޭނުންކޮށްގެން ބޫޓު ސާފުކޮށްލަނީ--

ބޫޓާއި ފަރުނީޗަރުތައް އޮފް އަރުވާލަދޭންވެސް ލުނބޯ މީ އެހީތެރިއެއް!

އޮފީހަށްދާން ގަޑިޖެހިގެން ބޫޓޫ ޕޮލިޝް ކުރަން ހަނދާން ނެތި އަދި ބޫޓު ޕޮލިޝް ކުރާނެ އެއްޗެއް ނެތިގެންވެސް ލައްކަ ގިނަ ފަހަރަކު އުޅެން ޖެހެއްއެއް ނޫންހެއްޔެވެ. ދެން ފަހަރަކުން މުޅި ގެ އެލާޓަށް ގެނައުމުގެ ބަދަލުގައި ބަދިގެއިން ލުނބޯއެއް ހޯދާލައިން ފަރުޖައްސާލެވިދާނެ އެވެ.

ދެ ސައި ސަމްސާ ލުނބޯ ހުތާއި، ތިން މޭޒުމަތީ ސަމްސަ އޮލިވް އޮއިލް އެއްކޮށްލުމަށްފަހު ލެދާ ބޫޓު ތަކުގައި ހާކާލުމުން ނިކަން ރީތިކޮށް އޮފް އަރާނެ އެވެ. ބޫޓު އެކަންޏެއް ނޫނެވެ. ވަކަރުން ހަދާފަިއ ހުރި އެކިކަހަލަ ފަރުނީޗަރު ތަކަށްވެސް މިއީހަމަ ބޭނުންކޮށްލުން ރަނގަޅު އެއްޗެކެވެ. ވަކަރު ފަރުނީޗަރު ތަކުގައި ހޭކުމަށްފަހު އިރުކޮޅެއްކޮށްލުމަށްފަހު ސާފު ފޮތިކޮޅަކުން ފުހެލާށެވެ.

ބަތްތައް ތަތްލެވުމުން ދުުރުކޮށްދޭނެ

ކިތަންމެ މަދުން އަދި ކިތަންމެ ގިނައިން ބަތް ކެއްކިޔަސް، އެ ބޭނުންވާ މިނަށް ރަހަ ހެޔޮވަރުކޮށް ބަތް ކެއްކުމަކީ އާދައިގެ ކަމެއް ނޫނެވެ. މިގޮތުން ގިނަ ފަހަރަށް ދިމާވާ އެއް މައްސަލައަކީ ބަތްފުއްތައް ތަތްލަވާފައި ހުރުމެވެ. މިކަމާވެސް ހާސްވާނެ ކަމެއް ނެތެވެ. ބަތް ކައްކާއިރު ފެނުގެ ތެރެއަށް އެެއް މެޒުމަތީ ސަމްސާ ލުނބޯ ހުތް ފޮދެއް ޖަހާލާށެވެ.

ލުނބޯ ބޭނުންކޮށްގެން ތެލި ސާފުކުރެވިފައި--

ތެލިތައް ސާފުކޮށްލަންވެސް ބޭނުންވަނީ ހަމަ ލުނބޯއެއް

ދަގަނޑު ތެލިތަކުގައި ކައްކާއިރު، ތެލީގެ ފުލުގައި ހިފުމުން ނުވަތަ އުނދުންމަތީގައި މާ ގިނައިރު ތެލި ބަހައްޓައިން ކާ އެތިކޮޅު އަނދައިގެން ތެލީގައި ހޭކުމުން އެ ފިލުވަން އުޅުމަކީ ނިކަން އުނދަގޫކަމެކެވެ. ތެލީގައި ކޫރުން އެޅިދާނެތީ މާ ވަރުގަދަ ސްޕޮންޖެއްވެސް ބޭނުންކުރެވޭކަށް ނޯންނައިރު، މިކަންވެސް ހައްލުކުރަން ދެން ބޭނުންވަނީ ލުނބޯއެކެވެ. ނިކަން ފަސޭހައިން މިކަހަލަ ތެލި ސާފުކުރުމަށްޓަކައި، ހަޑިވެފައި ހުރި ހިސާބު ފޮރުވޭވަރަށް ފެން އެޅުމަށްފަހު ތޮށްޓާއި އެކު ލުނބޯ ފަޅިއެއް އަޅާލާށެވެ. އެއަށްފަހު ބޮކި އަރަންދެން ކައްކާލާށެވެ. ނިކަން ފަސޭހައިން އެތިކޮޅުތައް ވިރިގެން އަންނާނެ އެވެ. ފަސޭހަކަމާއި އެކު ތެލި ދޮވެލަންވީއެވެ.

މޭވާ އާއި ތަރުކާރީ ސާފުކޮށްލުމަށްވެސް އަވަސް އެހީއެއް!

ލުނބޯ ހުތަކީ އެންޓި މައިކްރޯބިއަލް އެއްޗެކެވެ. މާނައަކީ ލުނބޯ ހުތުން ބެކްޓީރިއާ އާއި އެހެނިހެން ޖަރާސީމުތައް ނައްތާލަދޭނެ އެވެ. އެހެންކަމުން ބާޒާރުމަތިން ގަންނަ ތަރުކާރީ އާއި މޭވާތައް ޖަރާސީމުން ސާފުކޮށްލުމަށް ލުނބޯ ހުތަށްވުރެ ވަކި ފަސޭހައިން ބޭނުންކޮށްލެވޭނެ ހަރަދު ކުޑަ އެއްޗެއް ވަކި ލިބޭނެ ހެއްޔެވެ. ކުރަންވީ ކަމަކީ 1 ސައިސަމްސާ ލުނބޯ ހުތާއި، ދެ މޭޒުމަތީ ސަމްސާ ވިނެގާ، އެއް ޖޯޑު ފެނާއި އެއްކޮށްލުމަށްފަހު ސްޕްރޭ ފުޅިއަކަށް އަޅާ މޭވާ އާއި ތަރުކާރީ އަށް ޖަހާލާށެވެ.

ގައިމުވެސް ކެއުމުގައި ރަހަމީރުކޮށްލަން ބޭނުންކޮށްލެވޭ ބާވަތެއްގެ އިތުރަށް ލުނބޯ އަކީ ގޭތެރޭގެ ތަފާތު އެކިއެކި ބޭނުންތަކަށް ފުދޭ މުހިންމު ޒަރޫރީ އެއްޗެކެވެ. ނަމަަނަމަ ދެން ގެއިން ލުނބޯ ހުސްވިޔަ ނުދޭށެވެ.