10 Feb 2021, 12:17
މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު، ތާލިބާންއާއެކު ތަމްރީނެއް ހެދި ކަމަށް ކުރެވނު ތުހުމަތެއް ބަލަން މަޖިލީހުން ނިންމައިފި އެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި މިއުޒިކާއެކު ޒުވާނުން އުފާފާޅުކުރާ މަރުކަޒުުތައް ގައިމުކުރުމަށް ގޮވަލައި ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، ހަނދުފަހަނައެޅި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވެނީ ޒުވާނުންނަށް ކަމަށާއި މިސްބާހު އާއި ނަޒީރު އެފަދަ ތަމްރީނެއް ހެދިތޯ ބަލަން ޖެހޭ ކަމަށެވެ.
"މަރުކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް، އަޅުގަނޑުމެން އެބަ ޖެހޭ ހިސްޓްރީ ބަލާލަން. އަޅުގަނޑުމެން އެބަ ޖެހޭ މިސްބާހު އައްބާސް ތާލިބާންއާއެކު ޓްރޭނިން ހެދީތޯ ބަލާލަން،" އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަޖެހޭ އަލީ ނަޒީޒުވެސް ޓްރޭނިން ހެދިތޯ ބަލާލަން. ކޮބާތޯ އަލީ ނަޒީރުގެ ބެކްގްރައުންޑަކީ[ބަލާލަން]،"
ޝިޔާމް އެގޮތަށް ވިދާޅުވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިސްބާހާއި ނަޒީރު އެފަދަ ތަމްރީނަކަށް ދިޔަތޯ އާއި އެ ދެ ެބޭފުޅުންގެ އެފަދަ ފިކުރުތަކެއް ހުރިތޯ ކަމާ ގުޅޭ އިދާރާތަކުން ބައްލަވާނެ ކަމަށެވެ. އަދި އެކަން ސާފު ކުރުމަކީ މަޖިލީހުން ކުރަން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ސިދާ އެ ދެ ބޭފުޅުން ތާލިބާންގެ ތަމްރީނަށް ދިޔަތޯ [ޝިޔާމް] ސުވާލު އުފައްވާފައިވާތީވެ، އަޅުގަނޑުމެން އަމީން އާންމަށް ދަންނަވައިފިން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ލިޔެގެން، އެ ދެބޭފުޅުންނަކީ، ތިޔަ ވިދާޅުވި ބާވަތުގައި ތަމްރީނެއްގައި ނުވަތަ ތިޔަ ވިދާޅުވި ބާވަތުގެ ވިސްނުމަށް ލެނބިވަޑައިގެން ތިއްބެވި ބޭފުޅުންތޯ ސާފު ކުރުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.