ގއ. މާމެންދޫގައި މިމަހުގެ އަށް ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ހައްޔަރުކުރި ތިން މީހަކަށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. މާރާމާރީއާ ގުޅިގެން އަށް ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރި ތިން މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ. އަދި އަނެއް މީހާއަށް 10 ދުވަސް ދީފައިވާ ކަމަށެވެ.

އެއީ 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް އަދި 18 އަހަރުގެ މީހެކެވެ. އެ މައްސަލައިގައި ފަހުން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ.

ފުލުހުންގެ ސީރައަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ތަހުގީގު ޓީމެއް އެރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އެ މާރާމާރީއާ ގުޅިގެން އުމުރުން 17 އަހަރުގެ ކުޑަކުއްޖަކު މަރުވެ، އެކަކު ވަނީ ޒަހަމްވެފައެވެ. ޒަހަމްވި މީހާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

މަރުވެފައި ވަނީ ގއ. މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، އެވެ. ޒަހަމްވެފައިވަނީ އުއްދަޔުގެ ބޭބެ، ފިރުޝާން ޒާހިރު 21 އެވެ.

މަރުވި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ވަނީ ނިންމާފަ އެވެ. ރޭ އެކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވާއިރު، ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.