10 Feb 2021, 12:38
ބެއިޖިން (ފެބްރުއަރީ 10): އާ ކޮރޯނާވައިރަހަކީ ޗައިނާގެ ލެބަކުން ލީކުވި ވައިރަހެއް ކަމަށް ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.
ޗައިނާގައި ކޮވިޑް-19 ފެތުރެން ފެށި ގޮތް ތަހުގީގު ކުރަމުންދާ ޑަބްލިޔުއެޗްއޯގެ ޓީމުން ވޫހާންއަށް ޒިޔާރަތް ކުރުމަށް ފަހު ބުނި ގޮތުގައި ވައިރަސް ފުރަތަމަ އުފެދުނު ކަމަށް ބެލެވެނީ ޖަނަވާރެއްގެ ހަށިގަނޑުގަ އެވެ. އަދި އެ ޖަނަވާރުގެ ހަށިގަނޑުން އެހެން ޖަނަވާރަކަށް ވައިރަސް އަރާ، ދެން އިންސާނުންނަށް ފެތުރުނީ ދިރިހުރި ޖަނަވާރެއް ނުވަތަ ގަނޑުކޮށްފައިވާ މަހުގެ ވިޔަފާރިން ކަމަށް ވެދާނެ އެވެ. ނަމަވެސް އެއީ ކޮން ޖަނަވާރެއްކަން އަދި ޔަގީން ނުވާކަމަށާއި އެކަން އިތުރަށް ދިރާސާ ކުރަން ޖެހޭ ކަމަށް ކަމަށް ޑަބްލިޔުއެޗްއޯގެ ޓީމުގައި އިސްކޮށް ހުންނަވާ ޕީޓާ ބެން އެމްބެރެކް ވިދާޅުވި އެވެ.
"ނަމަވެސް ވައިރަސް އިންސާނުންނަށް ފެތުރުނު ގޮތަކީ ލެބުން ދޫވެގެން ކަމަށްވުމަކީ ވަރަށް ނާދިރު ކަމެއްކަން އަޅުގަނޑުމެންގެ ހޯދުންތަކުން ދައްކާ. އަދި އެއީ އިތުރަށް ދިރާސާ ކުރަން ޖެހޭ ވާހަކައެއް ނޫން،" އެމްބަރެކް ވިދާޅުވި އެވެ.
މީގެ އިތުރުން ވައިރަހުގެ ފުރަތަމަ ކްލަސްޓާ ގުޅިފައިވާ ހުއަނަން ސީފުޑް މާކެޓަށް ގަނޑުކޮށްފައިވާ އުފެއްދުންތައް އިމްޕޯޓުކޮށްފައިވާ ކަމަށާއި އެހެންކަމުން އެ މާކެޓަށް މަހާއި ޖަނަވާރު އިމްޕޯޓުކޮށްފައިވާ ތަންތަނާއި ގައުމުތައް ހޯދާ، އިތުރު ދިރާސާ ހަދަން ޖެހޭ ކަމަށް އެމްބަރެކް ވިދާޅުވި އެވެ.
ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަންގެ މާހިރެއް ކަމަށްވާ ލިއަންގް ވަނިއަން ވިދާޅުވި ގޮތުގައި ކޮވިޑްގެ ފުރަތަމަ ކޭސްތައް ޑިސެމްބަރު 2019އިގައި ވޫހާންއިން ފެނުމުގެ ކުރިން އެ ވައިރަސް އެ ސިޓީގައި ފެތުރުނު ކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އަދި ޗައިނާއިން ކޮވިޑް ފެނުމުގެ ކުރިން އެ ވައިރަސް އެހެން ސަރަހައްދުތަކުގައި ފެތުރިފައިވުމުގެ ފުރުސަތު އޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކޮރޯނާވައިރަސް ފެތުރުނީ ވޫހާންގެ އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއިން ލީކުވުމުން ކަމަށް ބުނެ މިދިޔަ އަހަރު ފެތުރުނު ވާހަކަތަކަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ހިތްވަރު ދެއްވި އެވެ.
ހުއަނަން ސީފުޑް މާކެޓަކީ ކަނޑުމަހާއި ދިރޭ ވަލު ޖަނަވާރާއި އޭގެ ބައިތައް ކެއުމަށްޓަކައި ވިއްކަމުން ދިޔަ ބާޒާރެކެވެ. އޭގެ ތެރޭގައި ހިޔަޅާއި ނަގުލަންދާށްޓާއި ކިނބުލާއި އެފަދަ ޖަނަވާރުގެ ނަގުލާއި ދުލާއި ގޮހޮރު ހިމެނެ އެވެ. އެ ބާޒާރު ބަންދު ކުރީ، ގޮތް ނޭނގޭ ހަތަރު ނިއުމޯނިއާ ކޭސްއެއް އެތަނާ ގުޅުން ހުރި ކަމަށް ފާހަގަ ކުރެވުމުން 31 ޑިސެމްބަރު 2019އިގަ އެވެ.