ރާއްޖޭގައި މިހާރު މިއޮތް ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މައްސަލަތައް އުފެދޭ ފަދަ ތަކެތި ބައެއް ޓީވީތަކުން ބްރޯޑްކާސްޓް ކުރަމުންދާ ކަމަށާއި އަހުލާގީ ގޮތުން ހުތުރު ބަސްތައް ހިމެނޭ ކޮންޓެންޓަށް ރައްކާތެރިވުމަށް މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

ކޮމިޝަންގެ އިދާރާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނައިބު ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ މީހުންގެ އަބުރު ގެއްލޭ ފަދަ ތަކެއްޗާއި ހަގީގަތާ ހިލާފު ވާހަކަތައް އަދި އެކަށީގެން ނުވާ ބަހުރުވަ ހިމެނޭ ތަކެތި ވެސް ބައެއް ޓީވީތަކުން ބްރޯޑްކާސްޓްކޮށްފައިވާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން އެންމެ ކަންބޮޑުވާ އެއް ކަމަކީ ރާއްޖޭގެ ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ބްރޯޑްކާސްޓް މީޑިޔާތަކުން ބްރޯޑްކާސްޓް ކުރެވޭ ބައެއް ކޮންޓެންޓްގެ ސަބަބުން މައްސަލަތައް އުފެދިދާނެ ފަދަ ކަންތައްތައް ހުރީތީ. މީގެ ތެރޭގައި ބައެއް ފަރާތްތަކުގެ އަބުރާ ބެހެވޭ ގޮތަށް ފޮނުވާ ބައެއް ކޮންޓެންޓްތަކާއި ސާބިތު ނުހިފޭ ބައެއް ކަހަލަ ވާހަކަތައް އެފަރާތްތަކުން ފަތުރަމުން ދާތީ،" ޝަހީބު ވިދާޅުވި އެވެ.

ޝަހީބު ވިދާޅުވީ އެފަދަ ކަންތައްތައް ނުކުރުމަށް ސަމާލުވުމަށް ރާއްޖޭގެ ހުރިހާ ޓީވީ ސްޓޭޝަންތަކުގެ ވެރިންނާއި ވަކިވަކިން ބައްދަލުކޮށް ކޮމިޝަނުން ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.

ޝަހީބު ވިދާޅުވީ އެފަދަ ކަންތައްތަކާ ގުޅިގެން ކުރިން ވެސް ބައެއް ފަރާތްތަކަށް ސިޓީ ވެސް ފޮނުވާފައިވާނެ ކަމަށާއި ސާކިއުލާތައް ވެސް ނެރެފައި ވާނެ ކަމަށެވެ.

ޓީވީ ސްޓޭޝަންތަކުގެ އިސް ފަރާތްތަކާ މިއަދު ވަކިވަކިން ބޭއްވި ބައްދަލުވުންތަކުގައި ބްރޯޑްކާސްޓަރުންގެ ފަރާތުން ވެސް ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން ބައެއް ބްރޯޑްކާސްޓަރުންގެ ތަންތަނަށާއި ތަކެއްޗަށް ގެއްލުން ދީފައިވުމާއި ބައެއް މުވައްޒަފުންނަށް ބޮޑެތި އަނިޔާތައް ވުން ފަދަ ކަންތައްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީބު އަދި ވިދާޅުވީ ބައެއް ޖަލްސާތަކަށް ބައެއް ބްރޯޑްކާސްޓަރުންނަށް ނުދެވޭ ގޮތަށް ބައެއް ސިޔާސީ ފަރާތްތަކުން ބޮއިކޮޓްކޮށްފައިވާ ކަން ވެސް ބްރޯޑްކާސްޓަރުން ފާހަގަކުރި ކަމަށެވެ. އަދި އެފަދަ ގޮތްގޮތަށް ކަންތައްތައް ނުކުރުމަށް ސިޔާސީ ފަރާތްތަކަށް އޭނާ ގޮވާލެއްވި އެވެ.

"އަޅުގަނޑުމެން ހަމަ އިލްތިމާސް ކުރަން، މީޑިޔާ އަށް ހުޅުވާލައިގެން ބާއްވާ ހުރިހާ ބައްދަލުވުންތަކަށް ތަފާތު ނުކޮށް ހުރިހާ މީޑިޔާއަކަށް ފުރުސަތު ދިނުމަށް،" ޝަހީބު ވިދާޅުވި އެވެ.

ބައެއް ބްރޯޑްކާސްޓަރުން ފޮނުވާ ޕްރޮގްރާމްތަކަށް ހަމަ އެކަނި ވަކި ޕާޓީއެއްގެ ނުވަތަ ވަކި ވިސްނުމެއްގެ ބަޔަކަށް ފުރުސަތު ދޭ މައްސަލަ ވެސް ފާހަގަކޮށް، ހަމަ ހަމަ ގޮތެއްގައި ފުރުސަތު ދިނުމަށް ބްރޯޑްކާސްޓަރުންނަށް ނަސޭހަތްތެރި ވެފައި ވާނެ ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެހެން ދިމާވަނީ ބައެއް ފަރާތްތަކުން ޕްރޮގްރާމްގައި ބައިވެރިވުމަށް ދެކޮޅު ހަދާތީ ކަމަށް ބްރޯޑްކާސްޓަރުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުޒާހަރާތައް ލައިވް ކުރަމުން ދިއުމުގެ ތެރޭގައި އަހުލާގީ ގޮތުން ދަށް ފެންވަރުގެ ބަހުރުވަ ބްރޯޑްކާސްޓް ކުރެވޭކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެފަދަ ކަންތައްތަކުން މުޖިތަމައަށް ނޭދެވޭ އަސަރު ކުރާނެކަން ވެސް ބްރޯޑްކާސްޓަރުންނާ ބައްދަލުކޮށް ދެއްކި ވާހަކަތަކުގައި ފާހަގަކޮށްފައި ވާނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.