19:00


ރާއްޖޭގެ ވަޒީރުންގެ މަޖިލިސް ޢައްޔަންކުރެއްވުމާ ބެހޭގޮތުންނާއި، ޤާނޫނު ހެދުމުގެ މަސައްކަތްތައް އޮމާންކަމާއެކު ގެންދިޔުމާ ބެހޭގޮތުން 6 މެންބަރުންގެ ކޮމިޓީއެއް އުފެއްދެވުމަށް ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާއެކު ބޭއްވި މަޝްވަރާތަކުގައި ސަރުކާރާއި ވާދަވެރި ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށް ދެގައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފި އެވެ.


ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދަޢުވަތަކަށް ރައީސް ރާޖަޕަކްސަ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ފުރާވަޑައިގަތުމުގެ ކުރިން ނެރުނު ދެ ޤައުމުގެ ގުޅިފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ، ރައީސް ރާޖަޕަކްސަގެ މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރ އަޙްމަދު ތަސްމީން ޢަލީއާއި، އުއްތަމަ ފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާ ބައްދަލުކުރެއްވި އެވެ.


މީގެ އިތުރުން މަޝްވަރާތަކުގައި ރާޖަޕަކްސަ ބައިވެރިވެވަޑައިގެންނެވީ، ރާއްޖޭގެ އެކުވެރިއެއް އަދި އަވަށްޓެރިއެއްގެ ހައިސިއްޔަތުން، އަދި ދިވެހި ސަރުކާރާއި ވާދަވެރި ސިޔާސީ ފަރާތްތަކުގެ އެދިވަޑައިގަތުމާ އެއްގޮތަށް، ރާއްޖޭގައި އޮތް ސިޔާސީ މައްސަލަ ޙައްލުކުރެއްވުމަށް އެމަނިކުފާނުގެ އެހީތެރިކަން ފޯރުއްވައިދެއްވުމަށް ކަމަށް ނޫސް ބަޔާނުގައި ބަޔާންކޮށްފައިވެ އެވެ.


ވަޒީރުންގެ މަޖިލިސް ޢައްޔަންކުރެއްވުމާ ބެހޭގޮތުންނާއި، ޤާނޫނު ހެދުމުގެ މަސައްކަތްތައް އޮމާންކަމާއެކު ގެންދިޔުމާ ބެހޭގޮތުން 6 މެންބަރުންގެ ކޮމިޓީއެއް އުފެއްދެވުމަށް މި މަޝްވަރާތަކުގައި ސަރުކާރުންނާއި ވާދަވެރި ސިޔާސީ ޕާޓީތަކުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް މި ނޫސްބަޔާނުގައިވެ އެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާނީ ސަރުކާރުގެ ފަރާތުން ތިން ބޭފުޅަކާއި ވާދަވެރި ފަރާތްތަކުގެ ތިން ބޭފުޅެއް ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. ނަމަވެސް، އެއީ ކޮން ބޭފުޅުން ނެތް ކަމެއް ބުނެފައެއް ނުވެ އެވެ.
ރާޖަޕަކްސަ ފުރާވަޑައިގަތުމުގެ ކުރިން އެމަނިކުފާނަށް މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން އަލްވަދާޢު ވިދާޅުވީ، ރައީސް މުޙަންމަދު ނަޝީދާއި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދް ހަސަން މަނިކެވެ. އަދި ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންވެސް އަލްވަދާޢު ވިދާޅުވުމަށް ވައިގެ ބަނދަރަށް ވަޑައިގެންނެވި އެވެ.