10 Feb 2021, 12:00
ކޮވިޑް19ގެ ވެކްސިން ލިބުމާއެކު މިއަހަރު ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރާ އަދަދު 1.5 މިލިއަނަށް އިތުރުކޮށްފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ކުރިން ސަރުކާރުން އަންދާޒާ ކޮށްފައި އޮތީ މިއަހަރު އެއް މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ.
އެހެން ނަމަވެސް ކުރިން ލަފާކުރި ވަރަށްވުރެ އަވަހަށް ވެކްސިން ލިބުމުން އެ އަދަދު މަތިކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް-- ފޮޓޯ/މަޖިލިސް
"އޭގެ ފަހުން، އޭރު އުންމީދުކުރި ވަރަށްވުރެ އަވަހަށް ވެކްސިން އައިމަ އަނެއްކާ އެ އަދަދު ވާނީ ރިވައިސްކޮށްފައި. މިހާރު އަންދާޒާ މި ކުރަނީ މިއަހަރު ނިމޭއިރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް." މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރު ފަތުރުވެރިންގެ އަދަދު ގުނުމުގެ ބަދަލުގައި ބެޑް ނައިޓްސް ގުނުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ. ސަބަބަކީ ބެޑްނައިޓްސްއާ ލިބޭ އާމްދަނީއާ ގުޅިފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެން މި އަންދާޒާ ކުރަނީ މިއަހަރު 10 މިލިއަން ބެޑްނައިޓްސް ލިބޭނެ ކަމަށް." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރު އަންނާނެ ކަމަށް ލަފާކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރި ނަމަވެސް، ޔޫރަޕު ވަރަށް ބޮޑަށް ބަންދުކޮށްފައި އޮތުމުން ޖެނުއަރީއާއި ފެބްރުއަރީ މަހު އައި ފަތުރުވެރިންގެ އަދަދު ލަފާކުރި އަދަދަށް ވުރެ ދަށްވެފައިވާ ކަމަށެވެ.