ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ކުރި އަމުރު ބާތިލް ކުރުމާ އެކު އޭނާ ރާއްޖެއިން ފުރައިފި އެވެ.

ޖިންސީ ގޯނާގެ ތުހުމަތާއެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ މިދިޔަ ޖުލައި މަހު އެވެ. އެ އަމުރު މުރާޖައާކުރަން މިދިޔަ ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގަ އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ އަމުރު ބާތިލްކުރީ ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވެސް އިއުތިރާޒުކޮށްފައި ނުވާކަމަށެވެ. އަދި އަލީ ވަހީދާ ޖާމިނުވާނެ ފަރާތެއް ހުށަހަޅާފައި ވާތީ، އަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު ބާތިލް ކުރީ ކަމަށް ވެސް ކުރިމިނަލް ކޯޓުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕާސްޕޯޓު ދޫކޮށްލުމާއެކު އަލީ ވަހީދު ވަނީ އިއްޔެ ލަންޑަނަށް ފުރައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.

އަލީ ވަހީދު ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

އަލީ ވަހީދު މަގާމުން ވަކި ކުރީވެސް ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކުރީ، އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.