ވޮޝިންޓަން (ފެބްރުއަރީ 10) : އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ މައްޗަށް އިންޕީޗްމަންޓް ޝަރީއަތް ހިންގަން ފެންނަކަމަށް ސެނެޓްގެ އަޣްލަބިއްޔަތުން ފާސްކޮށްފި އެވެ.

ޓްރަމްޕް މަގާމުން ވަކިވެވެވަޑައިގެންފައިވީނަމަވެސް އޭނާގެ މައްޗަށް އިންޕީޗްމަންޓް ޝަރީއަތް ހިންގަން ޑިމޮކްރެޓިކް ޕާޓީން މަސައްކަތް ކުރަނީ މިދިޔަ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ކޮންގްރެސްގެ އިމާރާތަށް އަރައިގަނެ އެތަން ލޫޓުވައި ހިންގި ހަމަނުޖެހުންތަކުގެ ފަހަތުގައި ހުންނެވީ ސީދާ ޓްރަމްޕް ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.

ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ކޮންގްރެސްގެ އިމާރާތަށް އަރައިގަނެ އެތަން ލޫޓުވައި ލިޔެކިޔުންތައް ނައްތާލައި މެންބަރުންނަށް ބިރުދައްކައި ހަމަނުޖެހުން ހިންގީ ވައިޓް ހައުސްގެ ކުރިމަތީގައި ޓްރަމްޕް ދެއްވި ޚިތާބަކަށްފަހުއެވެ. އެ ޚިތާބުގައި ކޮންގްރެސް އިމާރާތާ ދިމާއަށްގޮސް ހިއްވަރު ދައްކާލުމަށް އޭނާއަށް ތާއީދުކުރާ ފަރާތްތަކަށް ޓްރަމްޕް ގޮވާލައްވާފައިވެއެވެ.

ޓްރަމްޕް ގެ މައްޗަށް އިންޕީޗްމަންޓް ޝަރީއަތް ހިންގަން ފެންނަކަމަށް ސެނެޓްގެ ތަޅުމުގައި ނެގި ވޯޓަށް ޓްރަމްޕްގެ ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕާޓީގެ 7 މެންބަރަކުވެސް ވޯޓު ދެއްވިއެވެ. ވޯޓުގެ ނަތީޖާއަކީ ޓްރަމްޕް ގެ މައްޗަށް ޝަރީއަތް ހިންގަން ފެންނަކަމަށް 56 ވޯޓު، ނުފެންނަކަމަށް 44 ވޯޓެވެ. ސެނެޓްގެ މި ޖަލްސާގައި ޓްރަމްޕްގެ މައްޗަށް އިންޕީޗްމަންޓް ޝަރީއަތް ހިންގުމަށް ޕްރޮސެކިއުޓަރުންގެ ޓީމެއްވެސް އެކުލަވާލިއެވެ. މި ޓީމުގެ ވެރިއަކަށް ހަމަޖެއްސީ ސެނެޓްގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއްކަމަށްވާ ޖިމީ ރަސްކެން އެވެ.

ރަސްކެން ވިދާޅުވިގޮތުގައި ރައީސްކަމުގައި ހުންނަވައިގެން އެމެރިކާގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރެއްވި ކަމާއި އެކަމަށް ހިއްވަރު ދެއްވިކަމުގެ ތުހުމަތު ޓްރަމްޕްގެ މައްޗަށް ވަނީ ކުރެވިފައެވެ. މި ތުހުމަތުތައް ސާބިތު ކުރެވޭވަރުގެ ގިނަ ހެކިތަކާއި ގަރީނާ އަދި ދަލީލު އެބަހުރިކަމަށްވެސް ރަސްކެން ވިދާޅުވިއެވެ.

ސެނެޓްގެ ޑިމޮކްރެޓިކް މެންބަރުންވަނީ އެމެރިކާގެ ރައީސްކަމުން ވަކިވެވަޑައިގެން އާދައިގެ ރައްޔިތެއްގެ ގޮތުގައި ޓްރަމްޕް ހުންނެވި ނަމަވެސް ޓްރަމްޕަކީ އެމެރިކާގެ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއް ކަމަށް ސިފަކުރައްވާފައެވެ. ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ދަސްތޫރާއި ގާނޫނުތަކާ އަދި ޑިމޮކްރަސީއަށް ނުރައްކާވާނެ އެތަށް ކަމެއް ކުރައްވާފައިވާކަމަށް ޑިމޮކްރެޓިކް މެންބަރުން ތުހުމަތު ކުރައްވައެވެ.

ޓްރަމްޕް ގެ މައްޗަށް އިންޕީޗްމަންޓް ޝަރީއަތް ހިންގަން ފެންނަކަމަށް ސެނެޓްގެ އަޣްލަބިއްޔަތުން ފާސްކުރުމާއެކު، ޓްރަމްޕް ގެ އިމްޕީޗްމެންޓް ގެ ކަންތައް ކުރިޔަށް ގެންދިޔުމަކީ އެމެރިކާގެ ދަސްތޫރާ ޚިލާފު ކަމެއްކަމަށް ބުނެ ޓްރަމްޕް ގެ ދިފާއީ ޓީމުން ދައްކާ ވާހަކަތަކުގެ ގާނޫނީ ހައިސިއްޔަތު ގެއްލިގެން ގޮސްފައިވާ ކަމަށް ޑިމޮކްރެޓިކް މެންބަރުން ދެކެވަޑައިގަންނަވައެވެ.

ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ މަގާމުން ވަކިވެވެވަޑައިގެންފައިވީނަމަވެސް އޭނާ އިންޕީޗް ކުރުމުގެ ޝަރީއަތް ކުރިޔަށްގެންދަން ބޭނުންވަނީ ޓްރަމްޕް ގާނޫނާ ޚިލާފަށް ކުރައްވާފައިވާ ކަންތައްތަކުގެ ޒިންމާ އުފުއްލަވަން އޭނާއަށް މަޖްބޫރުކޮށް ފިލާވަޅެއް ދިނުމުގެ ބޭނުމުގައި ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ސެނެޓް މެންބަރުން ވިދާޅުވެއެވެ. އެމެރިކާގެ ރައީސަކު ވެރިކަމުން ދުރުވުމަށްފަހު އޭނާގެ މައްޗަށް އިންޕީޗްމެންޓް ޝަރީއަތް ސެނެޓްގައި ކުރިޔަށް ނުގެންދެވޭނެކަމަށް އެމެރިކާގެ ދަސްތޫރުގައި ބުނެފައެއް ނުވާކަންވެސް އެބޭފުޅުން ފާހަގަ ކުރައްވައެވެ.

އިންޕީޗްމަންޓް ޝަރީއަތް ހިންގާ ސެނެޓްގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ އެމެރިކާގެ އުއްތަމަ ފަނޑިޔާރެވެ. ޝަރީއަތަށްފަހު ޓްރަމްޕް ކުށްވެރިވާކަމަށް ނިންމުމަށް ވޯޓު ނަގާނީ ސެނެޓްގެ ތަޅުމުގައެވެ. މި ވޯޓު ފާސްވާނީ ސެނެޓްގެ 100 މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުން (67 މެންބަރުން) ޓްރްމްޕާ ދެކޮޅަށް ވޯޓު ދީގެންނެވެ. މިއަދަދަށް ވޯޓު ލިބޭނީ ސެނެޓްގައި ހިމެނޭ ޑިމޮކްރެޓިކް މެންބަރުންގެ އިތުރުން ޓްރަމްޕްގެ ޕާޓީކަމަށްވާ ރިޕަބްލިކަން ޕާޓީގެ 17 މެންބަރުންވެސް ޓްރަމްޕް ގެ މައްޗަށް ކުށް ސާބިތުވާކަމަށް ވޯޓު ދެއްވައިގެންނެވެ.

މިއަދަދަށް ވޯޓު ލިބޭނެ ކަމުގެ އުންމީދު ކުޑަކަމުން ޓްރަމްޕްގެ މައްޗަށް ކުށް ސާބިތު ކުރުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެއްކަމަށް ވަނީ ބެލެވިފައެވެ.

(ނޫސްއެޖެންސީތައް)