09 Feb 2021, 23:41
ގއ. މާމެންދޫގައި ރޭ ހިނގި މާރާމާރީއާ ގުޅިގެން އިތުރު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިއަދު އިތުރަށް ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއް ކަމަށެވެ.
ފުލުހުން ވަނީ މިއަދު އެ މަރާމާރީއާ ގުޅިގެން މީގެ ކުރިން ތިން މީހަކު ހައްޔަރުކޮށްފައެވެ. މިހާރު ޖުމްލަ ފަސް މީހަކު ވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ، މިއަދު އިތުރު ދެމީހުން ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލު މީޑީއާ އޮފިޝަލް ހާމައެއް ނުކުރެއެވެ.
ފުލުހުންގެ ސީރައަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ތަހުގީގު ޓީމެއް އެރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
އެ މާރާމާރީއާ ގުޅިގެން އުމުރުން 17 އަހަރުގެ ކުޑަކުއްޖަކު މަރުވެ، އެކަކު ވަނީ ޒަހަމްވެފައެވެ. ޒަހަމްވި މީހާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.
މަރުވެފައި ވަނީ ގއ. މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، އެވެ. ޒަހަމްވެފައިވަނީ އުއްދަޔުގެ ބޭބެ، ފިރުޝާން ޒާހިރު 21 އެވެ.
މަރުވި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ވަނީ ނިންމާފައެވެ.