31 Jan 2012, 16:28
ކޯޓުތައް އިސްލާހް ކުރުމަށާއި އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާތައް ހުއްޓުވައި، މާލެ އަމާންތަނަކަށް ހެދުމަށް ގޮވާލައި ސަރުކާރު ހިންގާ އެމްޑީޕީން މިއަދު މުޒާހަރާކޮށްފި އެވެ.
މިއަދު އަސްރު ނަމާދަށް ފަހު އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕް ބައެއް މެންބަރުން އިސްވެ ތިއްބެ، ޖުމްހޫރީ މައިދާނު ކައިރިން ފެށި މުޒާހަރާގައި އަޑު އުފުލާފައި ވަނީ އިދިކޮޅު ފަރާތްތަކުން ރޭގަނޑު ކުރާ މުޒާހަރާތަކުގެ ސަބަބުން މާލޭގެ އަމާންކަން ގެއްލެމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަން ދޭންތިބި ސަލާމަތީ ބާރުތަކުން މުޒާހަރާތައް ހުއްޓުމަކަށް ގެނައުމަށް މަސައްކަތްކޮށް ދިނުމަށް އަޑު އުފުލި އެވެ. ޖުމްހޫރީ މައިދާނުގައި އަޑު އުފުލުމަށް ފަހު މުޒާހަރާގެ ބައިވެރިން ދެން މިސާބު ޖެހީ ސްޕްރީމް ކޯޓް ކައިރިއަށެވެ.
ސުޕްރީމް ކޯޓުކައިރިއަށް އެއްވެ، ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ އާއި އެ ކޮމިޝަނުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރައްވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމަށް ގޮވާލާފައިވެ އެވެ. އަދި ދަށު ކޯޓްތަކުގެ ފަނޑިޔާރުންނަކީ "ގާނޫނާއި ހިލާފަށް ހުވާކޮށްގެން ތިބި ފަނޑިޔާރުން ކަަމަށާއި އެ ފަނޑިޔާރުން ވަގުތުން އިސްތިއުފާ ދެއްވުމަށް މުޒާހަރާ ކުރަމުންދިޔަ މީހުން ވަނީ ގޮވައިފަ އެވެ.
ސުޕްރީމް ކޯޓް ކައިރީގައި އެމްޑީޕީ އަޑު އުފުލަމުންދަނިކޮށް ފުލުހުން އެ މީހުން އެ ސަރަހައްދުން ދުރަށް ލުމުން މުޒާހަރާގެ ކުރަންފެށީ ޖަސްޓީސް ބިލްޑިން ކައިރީގަ އެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ އެ ސަރަހައްދުގައި ހުންނަ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދިރިއުޅުއްވާ ގެކޮޅު، ހިލާލީގެ ކައިރީގައި އަޑުގަދަކޮށްފަ އެވެ.
ހިލާލީގެ ކައިރިއަށް އެއްވެ، އެމްޑީޕީގެ އެކްޓިވިސްޓުން އަޑުއުފުލަމުންދިޔައީ އިދިކޮޅު ފަރާތްތަކާ ނައިބު ރައީސް ބައްދަލު ކުރައްވައި، އެ މީހުންނަށް ހިއްވަރު ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނުގެ އިހުލާސްތެރިކަމެއް ނެތް ކަމަށެވެ. އެ ސަރަހައްދަށް އެއްވި މީހުން ހިލާލީގެއަށް ވަންނަން އުޅުމުން ހިނގި ހަމަނުޖެހުން ފުލުހުން ކޮންޓްރޯލް ކުރީ ފެޕާ ސްޕްރޭޖަހައިގެންނެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރަންއުޅުމުގެ ތެރޭގައި ބައެއް މަޖިލިސް މެންބަރުންގެ ގަޔަށް ފުލުހުން ވަނީ ޕޭޕާ ސްޕްރޭ ވެސް ޖަހާފަ އެވެ.
ހިލާލީގެ ކައިރިއަށް އެއްވި މީހުން ފައްސާލުމުން މާލޭގެ އެކި މަގުތަކުގައި ޝަރުއީ ދާއިރާއާ ދެކޮޅަށް އަޑުއުފުލަމުންގޮސް މުޒާހަރާ ނިންމާލީ އެމްޑީޕީގެ މައި ހަރުގެއަށެވެ.
މުޒާހަރާ ނިންމާާލުމަށް ފަހު މުޒާހަރާގައި އިސްކޮށް ހުންނެވި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު ހިންގަމުންދާ "ބަޣާވާތާ" ދެކޮޅަށް އެމްޑީޕީ މިރޭ ނުކުމެ، މުޒާހަރާތައް ހުއްޓުވާނެ ކަމަށެވެ.
ތޮއްޑޫ ދައިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ މި ރެއިން ފެށިގެން އިދިކޮޅު ފަރާތްތައް މުޒާހަރާ ކުރަމުން ދާދިއުން ހުއްޓުވާނެ ކަމަށެވެ. އަދި ރައީސް ނަޝީދު ވެރިކަމުގައި ހުންނެވިހާ ހިނދަކު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ދޫކޮނުލާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.