09 Feb 2021, 23:12
އުމްރާނީ ތަރައްގީގެ ދާއިރާގައި ރާއްޖޭގެ އެންމެ އިސްސަފުގައި މަސައްކަތްކުރަމުންދާ ރާއްޖޭގެ އެންމެބޮޑު ކޮންޓްރެކްޓާ، އެމްޓީސީސީގެ މަގްސަދަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމެވެ. ބަނދަރު ހެދުމާއި، ފަޅު ފުންކުރުމާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޒަރީއާޢިންނެވެ. އެއާޕޯޓް ތަރައްގީ ކުރުމާއި މަގުހެދުމުގެ ޒަރީއާއިންނެވެ.
ބަނދަރުހެދުމާއި ފަޅުފުންކުރުންފަދަ މަސައްކަތްތަކަކީ 1990 ގެ އަހަރުތަކުގެ ތެރޭގައި ތައާރަފުވި މަސައްކަތްތަކެއް ކަމުގައިވިޔަސް، އެއަރޕޯޓް ތަރައްގީ ކުރުމާއި، މަގުހެދުމުގެ މަސައްކަތަކީ ފަހުގެ އަހަރުތަކުގައި ކުންފުނިން ފަށައިގެން މަސައްކަތްތަކެކެވެ.
އެމްޓީސީސީއިން ވަނީ މި ދާއިރާތަކަށް އާ ޓެކްނޮލޮޖީ އާއި ހުނަރު ތައާރަފްކޮށް، މި ދާއިރާގެ މަސައްކަތަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްދީފައެވެ. ރާއްޖޭގެ މާހައުލުގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ދިމާވާ މައްސަލަތަކާއި ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުން، މަސައްކަތަށް ތައްޔާރުވުމުގައާއި މަސައްކަތް ކުރިއަށް ގެންދިއުމުގައި ގެންގުޅޭނެ އަމިއްލަ އުސޫލުތަކާއި މަސައްކަތްކުރާ އަމިއްލަ މިންގަނޑުތަކެއް އެމްޓީސީސީން ވަނީ އެކުލަވާލާ ތަރައްޤީކޮށްފައެވެ.
ހިންގާ ކޮންމެ މަޝްރޫއެއްގެ ތަޖުރިބާގެ އަލީގައި އެމްޓީސީސީގެ މަސައްކަތް ހިންގާ ގޮތް އިތުރަށް ފުރިހަމަކުރަމުން ގެންދެއެވެ. އެގޮތުން، މިދުޔަ ޑިސެމްބަރުމަހުގެ 30 ވަނަ ދުވަހު، ޏ. ފުވައްމުލަކުގެ ރިންގް ރޯޑު ޒަމާނީ ފެންވަރަކަށް ހަދާއި ނިންމާލެވުމަކީވެސް ކުންފުނީގެ ތަޖުރިބާގެ ސަފްހާއަށް އިތުރުވި އައު ބާބެކެވެ. ފުވައްމުލަކުގެ ރައްޔިތުންނަށް ލިބުނު ލުއިފަސޭހައެކެވެ. ގުދުރަތީ ރީތިކަމެއް ލިބިފައިވާ ފުވައްމުލަކުގެ މަލަމައްޗަށް ލިބުނު އިތުރު ފަރިކަމަކާއި ނަލަކަމެކެވެ.
ރާއްޖޭގެ ދެކުނުން ގދ. އަތޮޅާއި އައްޑޫ ސިޓީއާއި ދޭތެރެއިން ކަނޑުގެ މެދުގައި އޮންނަ ފުވައްމުލަށް ސިޓީއަކީ އެއްފަސްގަނޑަކަށް އެއް އަތޮޅެއްގެ ގޮތުގައި އޮންނަ އެކަހެރި ރަށެކެވެ. އަށް އަވަށަކަށް ބެހިފައިވާ މިރަށުގައި 14،000 އެއްހާ މީހުން ދިރިއުޅެއެވެ.

ތަރައްޤީގެ ރޮނގުން ބަލާއިރު ފުއައްމުލަކަކީ ރާއްޖޭގެ އެންމެ ތަރައްގީ ރަށްތަކުގެ ތެރޭ ހިމެނޭ އެއް ރަށެވެ. ރާއްޖޭގެ އެއް ރަށަކުން އެންމެ ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތް ލިބެން އޮތް އެއް ރަށަކީ ފުއައްމުލަކެވެ. އަދި މިރަށަކީ މީހުން އާބާދުވުމަށް ބިމުގެ ގޮތުން ޖާގަ ތަނަވަސް، ދަނޑުވެރިކަމާއި ސިނާއީ މަސައްކަތްތަކާއި ފަތުރުވެރިކަމަށްވެސް އިންވެސްޓްކުރުމަށް ފުރުސަތު އޮތް، ބިން ތިޔާގި ރަށެކެވެ.
ފުއައްމުލަކުގެ ބޮޑެތި މަގުތަކުގައި އެއްޒަމާނެއްގައި އެންމެ ގިނައިން ދުއްވަމުން އައީ ބައިސްކަލެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ސައިކަލު ދުއްވާ މީހުންގެ އަދަދު އިތުރުވެގެން ދިޔައެވެ. އަދި 2003 ވަނަ އަހަރު ލަފާފުރަން ފަސޭހަ ބަނދަރެއް ރަށުގަ ގާއިމުކުރެވުމާއެކު ނިސްބަތުން ރަށުގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު އިތުރުވެގެން ދިޔައެވެ. ނަމަވެސް، ރަނގަޅަށް ހެދިފައިވާ މަގުތައް ނެތުމާއެކު، މިކަން ވެގެން ދިޔައީ ރަށުގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު އިތުރުވެގެން ދިޔަ ކަމަކަށެވެ.
ވާރޭކޮޅެއް ވެހިލާއިރަށް ފެން ނުހިނދި އެތަކެއް ދުވަހެއް ވުމުގެ ސަބަބުންނާއި، ފެން ހިނދުމަށްފަހުވެސް ބޮޑެތި އަޑިގުޑަންތަކެއް ހުރުމުގެ ސަބަބުން ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ދަތިތަކާ ކުރިމަތިވެ ރައްޔިތުންގެ ޝަކުވާ އިންތިހާއަށް އިތުރުވިއެވެ.

ފުއައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރާނެ ދުވަހަކަށް އެ ރަށުގެ ރައްޔިތުން ކުރަމުން އައި އިންތިޒާރަށް ނިމުން އައީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 27 ވަނަ ދުވަހު، ސަރުކާރުން ފުއައްމުލަށް ރިންގް ރޯޑް ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކުރުމުންނެވެ.
އެ މަޝްރޫޢުގެ ދަށުން، 2950 މީޓަރުގެ ހިނގާ ސަރަޙައްދަކާއި، 20،650 އަކަ މީޓަރުގެ ދުއްވާ ސަރަހައްދަކާއި، 4425 އަކަ މީޓަރުގެ ޕޭވްމެންޓެއް ހަދާއި، މަގުބައްތި ހަރުކޮށް މަގުމަތީ ނިޝާން ހަރުކުރެވުނެވެ. މަސައްކަތް ނިންމާލެވުނުއިރު ފުއައްމުލަކުގެ މަގުތަކަކީ ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ މަގުތަކެކެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީ ކުރެވިފައިވާ މަގުތަކެކެވެ. ރައްޔިތުންގެ ޙިޔާލު ހޯދާއިގެން ރައްޔިތުންގެ މަޝްވަރާގެ މަތިން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ އެމްޓީސީސީގެ އަމާޒެވެ. ފުއައްމުލަކު ރިންގް ރޯޑް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އައިއިރު، ފުއައްމުލަކު ރައްޔިތުންގެ އެއްބާރުލުން އެމްޓީސީސީގެ ޓީމަށް ފުރިހަމައަށް ލިބުނެވެ. މަޝްރޫޢުގެ މަސައްކަތަށް ފުއައްމުލަކުގެ 30 ރައްޔިތުންނަށް ވަޒީފާ ދެވުނެވެ. މިއީ ކޮވިޑްގެ ދަތި ހާލަތުގައި ފުއައްމުލަކު ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިތުރު ދޮރެއް ހުޅުވާދީ ރަށުގެ އިޤްތިސާދު ރަނގަޅު ކުރުމަށް އެމްޓީސީސީއަށް ކޮށްދެވުނު ހެޔޮކަމެކެވެ.

ކޮވިޑް 19 ގެ ދަތިދުވަސް ވަރު ފުއައްމުލަކު ރިންގް ރޯޑް މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. މެޓީރިއަލް ގެނައުމުގަ ގިނަ ދަތިތަކެއް ދިމާވިއެވެ. ޚާއްސަކޮށް ޕޭވްމަންޓް ބްލޮކް ގެނައުމުގައި ދަތިތައް ދިމާވިއެވެ. އޯޑަރކޮށްފަ ހުރި މުދާ ބާރޖްތަކަށް ބަރުކޮށްފަ މަސް ދެމަސް ވަންދެން ބަހައްޓަން ޖެހުނެވެ. ނަމަވެސް ތިމަންމެންނަކަށް ނުވިއޭ ކިޔާފަ ކޮވިޑްގެ ބަލިމަޑުކަމުގެރޭ މަސައްކަތް ހުއްޓާލުމަކީ އެމްޓީސީސީގެ އުސޫލެއް ނޫނެވެ. ދަތިތަކާ ހުރަސްތަކާއެކުވެސް އެ ކުންފުނިން މަސައްކަތް ފުރިހަމަ ކުރިއެވެ. އެމްޓީސީސީގެ 40 އަހަރުގެ ދިގު މާޒީގައި 2020 ވަނަ އަހަރު އެންމެ ކާމިޔާބު އަހަރެއްގެ ގޮތުގައި ހިމެނުން އެއީ މިކަމުގެ އަލިގަދަ ދަލީލެކެވެ.
ފުއައްމުލަކު ރިންގް ރޯޑު މަޝްރޫޢާއެކު ވޭތުވެދިޔަ އަހަރު ކުންފުނިން 34 މަޝްރޫޢު ނިންމިއެވެ. މިއީ އަހަރެއްގެ ތެރޭގައި އެމްޓީސީސީގެ ދިގު ތާރީޚުގައި އެންމެގިނަ މަޝްރޫއު ނިންމުނު އަހަރެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ދިމާވި ދަތިތަކާއެކުވެސް ވަރުބަލިކަމެއްނެތި އެމްޓީސީސީގެ ޓީމް ދެއްކި ހިތްވަރަކީ ތައުރީފު ހައްހު ހިތްވަރެކެވެ.
މިއަދު އެމްޓީސީސީއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ މުހިއްމު ބައިވެރިޔާއެވެ. ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭ ރައްޔިތުންގެ ކުންފުންޏެވެ. ފުއައްމުލަކު ރިންގް ރޯޑު މަޝްރޫއަކީ ފުއައްމުލަކު ރައްޔިތުން ޒަމާނުއްސުރެ ތަހައްމަލު ކުރަމުން އައި ދަތިތަކަށް ނިމުން ގެނެސްދިން މަޝްރޫޢެކެވެ. ނަލަ ރީތި ފުއައްމުލަކުގެ މަލަމައްޗަށް އިތުރު ހިތްގައިމުކަމެއް ގެނެސްދިން މަޝްރޫއެކެވެ.