09 Feb 2021, 22:56
ފުވައްމުލަކުގައި ސްކޫލުތައް ބަންދުކޮށް، އެގެއިން އަނެއް ގެއަށް ދިޔުން ފުވައްމުލައް ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.
ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ފުވައްމުލައް ވަނީ މިރެއިން ފެށިގެން މޮނީޓަރިން ހާލަތައް ގެނެސް ވަގުތީ ގޮތުން އަރާ ފޭބުން މަނާކޮށްފައެވެ.
ސިޓީ ކައުންސިލުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ، އެ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް [އާންމުގެ ތެރޭ ބަލިފެތުރުން] އޮތްކަމަށް ލަފާ ކުރެވޭތީވެ، އެންމެހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މޮނީޓަރިން ހާލަތު އުވެންދެން ނުވަތަ ކައުންސިލުން ވަކި ގޮތެއް އަންގަންދެން މިރޭ ދަންވަރު 12:00އިން ފެށިގެން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޒަރޫރީ ބޭނުމެއް ނެތި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުމާއި ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި ސްކޫލްތަކާއި ކޮލެޖްތަކާއި ޓިއުޝަން ކުލާސްތަކާއި ގުރުއާން ކްލާސްތައް އަދި އެހެނިހެން ގޮތް ގޮތުން ހިންގާ ހުރިހާ ކްލާސްތައް ބަންދުކޮށް، އޮންލައިންކޮށް ކަލްސާތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
އޭގެ އިތުރުން ކެފޭ/ރެސްޓޯރެންޓް/ ގާޑިޔާޔާތަކުން ޓެކްއަވޭ އާއި ޑެލިވަރީ ފިޔަވާ އާންމުންނަށް ހުޅުވާލައިގެން ދެމުން އައި އެހެން ހިދުމަތްތައް ދިނުން ހުއްޓާލުމަށާއި އޮފީސްތައް ބަންދުކުރުމަށްވެސް ވަނީ ނިންމާފައެވެ.
އަޅާފައިވާ އިތުރު ފިޔަވަޅުތައް:
ފިހާރަތަކަށް މީހުން ވެއްދުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނައިން މީހުން ފިހާރަތަކަށް ނުވެއްދުން.
- އާންމު މައިދާންތަކާއި ޕާކްތައް ބަންދުކުރުން.
- ސެލޫން، ބޯކޮށާ ތަންތަން އަދި ޖިމްތައް ބަންދުކުރުން.
- ހުރިހާ ކުޅިވަރު ހަރަކާތްތައް މަނާކުރުން.
- ޕާޓީތަކާއި ހަފްތާލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކުރުން.
- ޓެކްސީ ހިދުމަތް ފޯރުކޮށްދިނުމުގައި އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރުން