09 Feb 2021, 22:20
ރާއްޖޭގައި މިހާތަނަށް 16،000އަށްވުރެ ގިނަ މީހުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހައިފި އެވެ.
އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް 16،251 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އޭގެ ތެރެއިން 13،418 މީހުންނަކީ މާލެ ސިޓީން ވެކްސިން ޖެހި މީހުންނެވެ. އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވަނީ، 2،833 މީހުންނެވެ.
މިއަދު އެކަނި ވެކްސިން ޖެހި މީހުންގެ އަދަދަކީ، 3،306 އެވެ. އޭގެ ތެރެއިން 2،792 މީހުންނަކީ މާލެ ސިޓީން ވެކްސިން ޖެހި މީހުންނެވެ. އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވަނީ، 514 މީހުންނެވެ.
މާލެ ސީޓިގައި ހަތް މަރުކަޒެއް ވެކްސިން ޖެހުމަށް ހާއްސަކޮށްފައިވާއިރު، އަތޮޅު ތެރޭގައި 21 މަރުކަޒަކުން އަންނަނީ ވެކްސިން ޖަހަމުންނެވެ.
ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.
ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ. އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.