ސަރުކާރުން ގާނޫނީ އިމުން ބޭރުން އަމަލުކުރަމުންދާ ކަމަށް ބުނެ ވިޔަފާރިވެރިން ސަރުކާރަށް ދައްކާ ޓެކްސްތައް މިވަގުތަށް މަޑުޖައްސާލުމަށް ދިވެހި ވިޔަފާރިވެރިންގެ ޖަމްއިއްޔާ އިން ވިޔަފާރިތަކަށް ގޮވާލައިފި އެވެ.

އެ ޖަމްއިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އެ ޖަމްއިއްޔާގެ ރައީސް އަހުމަދު އަދީބު ވިދާޅުވީ ގާނޫނީ އިމުން ބޭރުން ގާޒީއެއް ހައްޔަރުކޮށް އަދި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ސައްހަ ކަމާ މެދު ސަރުކާރުން ސުވާލުއުފައްދާތީ ވިޔަފާރިތަކަށް ގާނޫނީ ގޮތުން ލިބިދޭ ރައްކާތެރިކަމެއް ނެތް ކަމަށާއި ޓެކްސް ދެއްކުމުގައި ދެ ވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ކޮށްފައި ހުރި ކޮންޓްރެކްޓްތައް ތަންފީޒް ކުރެވެނީ ކޯޓުތަކުގެ ތެރެއިން. ވިޔަފާރި އަކީ އެއްބަސްވުންތަކެއް. އެ ތަންފީޒް ކުރެވެނީ ކޯޓުތަކުގެ ތެރެއިން. އެއީ މިނިވަން ވިޔަފާރީގެ މުހިންމު އަސާސެއް. ނަމަވެސް މިއަދަށް މިވަނީ 15، 16 ދުވަސް، އަދިވެސް ސަރުކާރުން އެކަމެއް ހައްލެއް ނުކޮށްދޭ. މިކަމާ ހެދި އިންވެސްޓަރުން ވެސް އަދި ވިޔަފާރިވެރިންގެ ޝަކުވާ ވެސް މެދުކެނޑުމެއް ނެތި މި އަންނަނީ،" އަދީބު ވިދާޅުވި އެވެ.

"އެކަމާ ހެދި އަޅުގަނޑުމެން މި އަންގަނީ އެގޮތަށް އަމަލުކުރާ ނަމަ، މިކަން ހައްލުނުކޮށްދޭ ނަމަ ޓެކްސް ދެއްލުމުގައި ދެ ވަނަ ވިސްނުމަކަށް ދާންޖެހިދާނެ. އަޅުގަނޑުމެން ވިޔަފާރިތަކަށް ގޮވާލަން މިކަމާ މެދު ވިސްނާ ޓެކްސް ދެއްކުން އިހަށް މަޑުޖައްސާލަން،"

އޭނާ ވިދާޅުވީ ސަރުކާރަށް ޓެކްސް ދެއްކުން މަޑުޖައްސާލިއަސް ހިސާބުތަކުން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ފެންނާނެ ކަމަށާއި އެކަމުން ގާނޫނީ މައްސަލަތަކެއް ފެންމަތިވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ނުބުނަން ޓެކްސް ނުދައްކާކަށް. ސަރުކާރުން މިކަން ހައްލުކޮށްދެންދެން މަޑުޖައްސާލަންވީ. މިހާރު ބެލެންސްޝީޓްތަކާ އެއްޗިހި ތައްޔާރުކުރޭ. އޭގެން އެނގޭނެ ދައްކަންޖެހޭ އަދަދު. ސަރުކާރުން ގާނޫނީ އިމަށް އައިމާ އެ ފައިސާ ދެއްކޭނެ،" އަދީބު ވިދާޅުވި އެވެ.

ޓެކްސްގެ ފައިސާ ގައުމުގެ ތަރައްގީއަށް ބޭނުން ކުރަން ޖެހޭ އިރު އެނޫން ގޮތްގޮތަށް ނަހަމަ ގޮތުގައި ޓެކްސް ފައިސާ ސަރުކާރުން ހޭދަކުރާ ކަމަށް ވެސް އަދީބު ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ގާނޫނުން ބޭރުގައި އުޅޭއިރު އޭގެ ސަބަބުން ވިޔަފާރިތަކަށް ގެއްލިފައިވާ ހައްގުތައް ހޯދުމަށް ހަރުކަށި ފިޔަވަޅު އަޅައިގެން މަސައްކަތް ކުރަން ޖެހިއްޖެ ކަމަށެވެ.

"އަދި ޓެކްސްދައްކާފައި ހޭލައި ތިބެން މިޖެހެނީ. ވިޔަފާރިތަކަށް ރައްކާތެރިކަމެއް ނެތް. ގައުމު ހަލަބޮލިވީ މިކަމުގެ ސަބަބުން. ވަރަށް މަސައްކަތް ކުރިން ހަރުކަށި ނުވެ ހައްލުވޭތޯ. ވިޔަފާރިވެރިންނަކީ ހައްގު ހޯދަން މުޒާހަރާ ކުރާ ބައެއް ނޫން. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެމީހުން ވިޔަފާރިގެތަށް ބަންދު ކޮށްލާނީ. ނޫނީ ސަރުކާރާ ކުރާ މުއާމަލާތްތައް ހުއްޓާލާނީ،" އަދީބު ވިދާޅުވި އެވެ.

ވިޔަފާރި ވެރިންގެ ޖަމްއިއްޔާގެ އެ ސްޑޭންޑާ އެކު އެކަމުގެ މައުލޫމާތު ވިޔަފާރިތަކަށް ފޯރުކޮށްދީ އެކަމުގެ ގާނޫނީ ގޮތުން އޮތްގޮތް އަންގައިދޭން މަސައްކަތް އެ ޖަމްއިއްޔާ އިން ކުރާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގޮވާލަން ޓެކްސްގެ ފައިސާ އިން އިގްތިސޯދުގެ އެހެން އަސާސްތައް ވަރުގަދަ ކުރަން ހަރަދުކުރަން. މުވައްޒަފުންނަށް ރަނގަޅު މުސާރަ ދިނުން. ވިޔަފާރިތަށް ވަރުގަދަ ކުރުން. އަދިވެސް އެހެން ވެލްފެއާގެ ކަންތައްތަކަށް ހަރަދު ކުރުން މިވަނީ މުހިންމުވެފައި،" އަދީބު ވިދާޅުވި އެވެ.

ވިޔަފާރިވެރިންގެ ޖަމްއިއްޔާ އިން ހަރުކަށި ސްޓޭންޑެއް ނަގާފައި މިވަނީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކޮންމެ ރެޔަކު ބާއްވަމުން އަންނަ މުޒާހަރާތަކުގައި ވިޔަފާރިވެރިން ޓެކްސް ދެއްކުން ހުއްޓާލުމަށް ގޮވާލާފައި ވަނިކޮށެވެ.