10 Feb 2021, 09:12
'އޭބީސީޑީ' ފްރެންޗައިޒްގެ ކާމިޔާބު ދެ ފިލްމަށް ފަހު އެ ފިލްމުގެ ތިން ވަނަ ފިލްމު ވެސް ގެނެސްދިނުމަށް ހަމަޖެހިފައިވާކަމަށް މަޝްހޫރު ކޮރިއޯގްރަފަރު ރެމޯ ޑިސޫޒާ ބުނެފިއެވެ.
އެންމެ ވަރުގަދަ ނެށުމުގެ ހުނަރު ފެނިގެންދާ އޭބީސީޑީ ފްރެންޗައިޒްގެ ތިންވަނަ ފިލްމާ ގުޅޭގޮތުން ރެމޯ ބުނީ މި ފިލްމުގެ ލީޑަށް އޭނާ ނަގާނީ ވަރުގަދަ ނެށުންތެރިއެއް ކަމަށެވެ. އަދި މި ފިލްމުގެ މަސައްކަތް ވެސް މިހާރު މަޑު މަޑުން ކުރަމުން އަންނަ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ފިލްމުގެ ތިންވަނަ ބައި ހަދާނެކަން އިއުލާންކުރި ނަމަވެސް މި ފިލްމާގުޅޭގޮތުން މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއްނުވެއެވެ.
ފިލްމުގެ ފުރަތަމަ ބައި ގެނެސްދިނީ 2013 ވަނަ އަހަރުގައެވެ. ޕްރަބޫދޭވާއާ ގިނަ ނެށުންތެރިންތަކެއް ހިމަނައިގެން ގެނެސްދިން "އޭބީސީޑީ" އަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. ފިލްމުގެ ދެވަނަ ބައިގައި ހަރަކާތްތެރިވީ ލީޑު ތަރިންނަކީ ޝްރައްދާ ކަޕޫރާ ވަރުން ދަވަންއެވެ. އެ ފިލްމު ރިލީޒްކުރީ 2015 ވަނަ އަހަރުގައެވެ.