ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް ބަތަލު ޓައިގާ ޝްރޮފް ލީޑު ރޯލު ކުޅޭ ފިލްމު "ގަންޕަތު"ގެ އަންހެން ލީޑު ރޯލުން ފެނިގެންދާނީ ކްރިތީ ސެނަން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މީގެ ހަ އަހަރުކުރިން މިދެތަރިން އެކުގައި ސްކްރީނުން ވަނީ ފެނިގެން ގޮއްސައެވެ. އެއީ 2014 ވަނަ އަހަރު ނުކުތް ފިލްމު "ހީރޯޕަންތީ" އިންނެވެ. އެ ފިލްމަކީ މިދެތަރިންވެސް ބޮލީވުޑަށް ތައާރަފްވި ފިލްމެވެ.

ޚަބަރުތައް ބުނާގޮތުގައި މި ފިލްމުގައި އަންހެން ލީޑަށް ދެ ބަތަލާއިން ހޯދާނެއެވެ. އަދި އޭގެ ތެރެއިން އެއް ބަތަލާއަކީ ކްރިތީއެވެ. މި އަހަރުގެ މެދުތެރޭ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މި ފިލްމަށްް ކްރިތީ އާ ޓައިގާ އެކްޝަން މަންޒަރުތަކަށް ވަރަށް ބޮޑަށް ފަރިތަކުރާނެއެވެ.

ފިލްމުގެ ފަސްޓްލުކް ޓައިގާ އާއެކު އާންމުކޮށްފައިވާއިރު މި ފިލްމަކީ 2022 ވަނަ އަހަރު ސިނަމާތަކަށް ގެންނަން ތާވަލްކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ ދެ ބަޔަކަށް ބަހާލައިގެން ގެނެސްދޭ ފިލްމެކެވެ.

ވިކާސް ބާލް ޑައިރެކްޓްކުރާ އެ ފިލްމުގައި ޓައިގާ ކުޅޭނީ ބޮކްސާއެއްގެ ރޯލެވެ. މުމްބާއީގައި ދިރިއުޅޭ ވަރުގަދަ ބޮކްސިން ތެޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ އެ ފިލްމަކީ އެކްޓަރު ޓައިގާ އާއި ވިކާސް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.