09 Feb 2021, 20:15
ކޮވިޑް ރޯގާ ފެތުރިފައިވާ ގދ. ތިނަދުއިން މިއަދު ދެ މީހަކު ޕޮޒިޓިވްވެއްޖެ އެވެ. އެއާއެކު އެރަށުގެ ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ ހަތަރަކަށް އަަރާފައެވެ.
އައްޑޫ ސިޓީ، ހިތަދުއިން ޕޮޒިޓިވްވި މީހަކާ ކޮންޓެކްވި ތިނަދޫގައި ހުރި މީހަކު ޕޮޒިޓިވްވެގެން ތިނަދޫ ފުރަބަންދު ކުރީ މިދިޔަ އާދިއްތަ ދުވައެވެ. ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.
ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ސައީދު މިރޭ "ސަން"އަށް ވިދާޅުވީ، އެރަށުން ނެގި ކޮންޓެކްޓުންގެ ސާމްޕަލްގެ ތެރެއިން މިއަދު އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"ޕޮޒިޓިވްވި ދެ މީހުންނަކީ ފުރަތަމަ ކޭސް[އެއާޕޯޓުގެ މުވައްޒަފު]ގެ ޑައިރެކްޓް ކޮންޓެއްކްޓެއް،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕޮޒިޓިވްވީ، 31 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނެއް ކަމަށެވެ.
ތިނަދުއިން ޕޮޒިޓިވްވި ތިން ވަނަ މީހަކީ، އެރަށުން ނެގި ރޭންޑަމް ސާމްޕަލްއިން އިއްޔެ ޕޮޒިޓިވްވި މީހެކެވެ.