ވޮޝިންޓަން (ފެބްރުއަރީ 9) : އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކިވެވެވަޑައިގެންފައިވީނަމަވެސް އޭނާ އިންޕީޗް ކުރުމުގެ ކަންތައް (މަގާމުން ދުރުކުރުމާބެހޭ ޝަރީއަތުގެ ކަންތައް) ކުރިޔަށްގެންދަންޖެހޭ ކަމަށާ އެއީ ޓްރަމްޕް ގާނޫނާ ޚިލާފަށް ކުރައްވާފައިވާ ކަންތައްތަކުގެ ޒިންމާ އުފުއްލަވަން އޭނާއަށް މަޖްބޫރު ކޮށް ފިލާވަޅެއް ދިނުމުގެ ބޭނުމުގައި ކަމަށް މިކަމުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ މެންބަރުން ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވިދާޅުވާގޮތުގައި މިދިޔަ ޖެނުއަރީ 6 ވަނަ ދުވަހު ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ކޮންގްރެސްގެ އިމާރާތަށް އަރައިގަނެ އެތަން ލޫޓުވައި ހިންގި ހަމަނުޖެހުންތަކުގެ ފަހަތުގައި ހުންނެވީ ސީދާ ޓްރަމްޕް ކަމަށާ އެއީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާކުރި ބަޣާވާތުގެ އަމަލެއްކަމުގައެވެ.

ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ކޮންގްރެސްގެ އިމާރާތަށް އަރައިގަތީ އޭރު އިންތިޚާބީ ރައީސް ގެ ގޮތުގައި ހުންނެވި އެމެރިކާގެ މިހާރުގެ ރައީސް ޖޯބައިޑެން އިންތިޚާބު ކާމިޔާބު ކުރެއްވިކަމުގެ ލިޔުންތައް ތަސްދީގު ކުރުމަށް ކޮންގްރެސް އިން ބޭއްވި ޖަލްސާ ބާރުގެ ބޭނުންކޮށްގެން ހުއްޓުވުމަށްފަހު ރިޔާސީ ދެވަނަ ދައުރަކަށް ގާނޫނާ ޚިލާފަށް ހުވާކުރުމުގެ ފުރުސަތު ޓްރަމްޕަށް ހޯދައިދިނުމަށް ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް މެންބަރުން ވިދާޅުވިއެވެ.

ޓްރަމްޕްގެ އިމްޕީޗްމަންޓް ގެ ކަންތައް ސެނެޓްގައި ކުރިޔަށް ގެންދިޔުމާމެދު ޑިމޮކްރެޓިކް މެންބަރުންނާއި އިދިކޮޅު ރިޕަބްލިކަން މެންބަރުންގެ މެދުގައި ޚިލާފުތައް އުފެދިފައިވާއިރު މިކަން ކުރިޔަށްގެންދަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމުގެ ވޯޓެއް މާދަމާ ސެނެޓްގެ ގައި ނަގާގޮތަށްވަނީ ހަމަޖެހިފައެވެ. ސެނެޓްގެ އަޣްލަބިއްޔަތު އޮތީ ޑިމޮކްރެޓުންގެ އަތްމަތީގައިކަމުންނާ އަދި ރިޕަބްލިކަން ޕާޓީގެ މަދުމެންބަރުންތަކެއް ޓްރަމްޕް އިންޕީޗް ކުރުމަށް ތާއީދުކުރާތީ މިވޯޓު ޑިމޮކްރެޓުން ކާމިޔާބުކުރާނެކަމަށްވަނީ ބެލެވިފައެވެ.

ޓްރަމްޕުގެ ދިފާއީ ޓީމުން ވަނީ އިމްޕީޗްމެންޓް ގެ ކަންތައް ކުރިޔަށް ގެންދިޔުމަކީ އެމެރިކާގެ ދަސްތޫރާ ޚިލާފު ކަމެއްކަމަށް ބުނެފައެވެ. ޓްރަމްޕްގެ އިމްޕީޗްމަންޓް ގެ ކަންތަކުގައި ޑިމޮކްރެޓިކް މެންބަރުންނާއި އިދިކޮޅު ރިޕަބްލިކަން މެންބަރުންގެ މެދުގައިވެސް ޒުވާބު އުފެދިފައިވަނީ ޓްރަމްޕް މަގާމުން ދުރުވެފައިވާއިރު އޭނާ އިންޕީޗް ކުރުމުގެ ކަންތައް ކުރިޔަށްގެންދަން އުޅޭ މައްސަލައިގައެވެ. ޓްރަމްޕް އިންޕީޗް ކުރުމުގައި ޑިމޮކްރެޓިކް މެންބަރުންގެ ބޭނުމަކީ ޓްރަމްޕްގެ މައްޗަށް ކުށްސާބިތުކޮށްގެން ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލުމުގެ ހައްގުން ޓްރަމްޕް މަހްރޫމު ކުރުމެވެ.

އެމެރިކާގެ ރައީސަކު ވެރިކަމުން ދުރުވުމަށްފަހު އޭނާގެ މައްޗަށް އިންޕީޗްމެންޓް ޝަރީއަތް ސެނެޓްގައި ކުރިޔަށް ނުގެންދެވޭނެކަމަށް އެމެރިކާގެ ދަސްތޫރުގައި ބުނެފައެއް ނުވެއެވެ. އެހެންކަމުން ޓްރަމްޕްގެ ވެރިކަމުގައި އޭނާ ކުރައްވާފައިވާ ގާނޫނާ ޚިލާފު ކަންކަމުގެ ޒިންމާ އުފުއްލަވަން އޭނާއަށް މަޖްބޫރުކުރުވުމުގެ ގޮތުން އިންޕީޗްމެންޓް ޝަރީއަތް ކުރެވޭނެކަމަށް ޑިމޮކްރެޓިކް މެންބަރުން ދެކެވަޑައިގަންނަވައެވެ.

ޓްރަމްޕްގެ މައްޗަށް އިންޕީޗްމެންޓް ޝަރީއަތް ފެށުމަށް ތައްޔާރުވަމުންދާއިރު ސެނެޓުގައި ހިމެނޭ ދެ ޕާޓީން ވެސް މިހާރު ވަނީ އެކަންތައް ކުރިއަށް ގެންދިއުމުގެ ތާވަލަކަށް އެއްބަސްވެފަ އެވެ. އިމްޕީޗްމަންޓްގެ ކަންތައް ކުރިއަށް ގެންދިއުމާމެދު ފެންނަގޮތެއް ބެލުމަށް ސެނެޓްގެ މެންބަރުންގެ މެދުގައި މާދަމާ ނަގާ ވޯޓަށްފަހު ޑިމޮކްރެޓިކް ޕާޓީގެ ފަރާތުންނާއި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފަރާތުން ބަޔާންތައް ހުށަހަޅުން އޮންނާނީ އޭގެފަހުންނެވެ. އެކަމަށް ކޮންމެ ޕާޓީއަކަށް ވެސް 16 ގަޑިއިރު ދިނުން ތާވަލުގައި ހިމެނެއެވެ.

ޓްރަމްޕް ވަނީ ސެނެޓަށް ވަޑައިގެން ހެކި ބަސް ދެއްވުމަށް ދެކޮޅު ހައްދަވައިފައެވެ. ނަމަވެސް ޓްރަމްޕްގެ ގާނޫނީ ޓީމުން އޭނާގެ ދިފާއުގައި ހެކި ހުށަހަޅާނެއެވެ. ޓްރަމްޕްގެ މައްޗަށް ކުރެވޭ ހަމަނުޖެހުމާއި ހަރުކަށި އަމަލުތަކަށް ހިއްވަރުދިންކަމުގެ ތުހުމަތާމެދު ޓްރަމްޕާ ދެކޮޅަށް އިންޕީޗްމަންޓް ޝަރީއަތުގައި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ހެކިން ހާޒިރުކޮށް ހެކި ހުށަހަޅާނެއެވެ. އިންޕީޗްމަންޓް ޝަރީއަތް ހިންގާ ސެނެޓްގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ އެމެރިކާގެ އުއްތަމަ ފަނޑިޔާރެވެ.

ހެކި ހުށަހެޅުމަށްފަހު ޓްރަމްޕް ކުށްވެރިވާކަމަށް ނިންމުމަށް ސެނެޓްގެ ތަޅުމުގައި ނަގާ ވޯޓުގައި އެކަން ސާތިބު ކުރެވޭނީ ސެނެޓްގެ 100 މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުން (67 މެންބަރުން) ޓްރްމްޕާ ދެކޮޅަށް ވޯޓު ދީގެންނެވެ. މިއަދަދަށް ވޯޓު ލިބޭނީ ސެނެޓްގައި ހިމެނޭ ޑިމޮކްރެޓިކް މެންބަރުންގެ އިތުރުން ޓްރަމްޕްގެ ޕާޓީކަމަށްވާ ރިޕަބްލިކަން ޕާޓީގެ 17 މެންބަރުންވެސް ޓްރަމްޕް ގެ މައްޗަށް ކުށް ސާބިތުވާކަމަށް ވޯޓު ދެއްވައިގެންނެވެ. މިއަދަދަށް ވޯޓު ނުލިބިއްޖެނަމަ ޓްރަމްޕްގެ މައްޗަށް ކުށް ސާބިތެއް ނުކުރެވޭނެއެވެ.

ޓްރަމްޕް ގެ މައްޗަށް ކުށް ސާބިތުވާކަމަށް ވޯޓު ދޭނެކަމަށް މައުލޫމާތު ލިބެނީ ރިޕަބްލިކަން ޕާޓީގެ އެންމެ 11 މެންބަރުންނެވެ. އެވަރުން ޓްރަމްޕްގެ މައްޗަށް ކުށް ސާބިތެއް ކުރެވޭވަރަށް ވޯޓު ހަމައެއް ނުވާނެއެވެ. ޓްރަމްޕަކީ މަގާމުން މަކިވެވަޑައިގަތުމަށްފަހު އިންޕީޗް ކުރެވޭ އެމެރިކާގެ ފުރަތަމަ ރައީސްއެވެ. (އަލްޖަޒީރާ)