09 Feb 2021, 20:10
ރޭގަނޑު 8:00އިން ފަތިހު 4:30އަށް އައްޑޫ ސިޓީގައި ކާފިއު ހިންގަން ނިންމައިފި އެވެ.
ކޮވިޑް ކޭސްތަކާ ގުޅިގެން އައްޑޫ ސިޓީ އޮތީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މޮނީޓަރިން ހާލަތަށް ގެނެސް، އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފައެވެ.
އައްޑޫ ސިޓީގައި ކޮވިޑް ރޯގާ ފެތުރުން ކޮންޓްރޯލްކުރުމަށް މިރޭ ދަންވަރު 12:00އިން ފެށިގެން ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕްބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު ވަނީ ނިންމާފައެވެ.
އެގޮތުން ބޮޑު ފިޔަވަޅެއްގެ ގޮތުގައި އަޅާފައިވަނީީ، ރޭގަނޑު 8:00އިން ފެށިގެން ފަތިހު 4:30އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައެވެ. އަދި އައްޑޫގެ އެއް އަވަދުން އަނެއް އަވަށަށް ދިޔުމާއި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.
އޭގެ އިތުރުން އެރަށުގެ ހޮޓާތަކާއި ރެސްޓޯރެންޓްތައް ބަންދުކުރުމަށްވެސް މައިމޫނާ ވަނީ އަންގާފައެވެ.
އިތުރު މުހުންމު ފިޔަވަޅުތައް:
ޔުނިވާސިޓީ/ކޮލެޖް/ސްކޫލަތަކުގެ ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިޔުން.
އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކުރުން.
ސެލޫން، ޖިމް އަދި ބޯކޮށާ ތަންތަން ބަންދުކުރުން.
ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން.
ޓެކްސީ ހިދުމަތް ދޭ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން.
ފިހާރަތާކާއި ބޭންކުތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން.
މި ފިޔަވަޅުތައް އަޅާފައިވަނީ، ހަތް ދުވަހުގެ މުއްތަކަަށެވެ.
އައްޑޫ ސިޓީ މޮނީޓަރިންގެ ހާލަތައް ގެނައީ ހޮނިހިރު ދުވަހު ފްލޫ ކްލިނިކަށް ޑޮޮކްޓަރަށް ދައްކަން ދިޔަ ދެ މީހަކު ޕޮޒިޓިވެގެން އެވެ. އެފަހުން އެ ސީޓީން ޖުމްލަ 80 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.