ފުވައްމުލައް ސިޓީން ދެ މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެ، އެ ސިޓީއަށް އަރާ ފޭބުން މަނާކޮށްފި އެވެ.

ކޮވިޑް ރޯގާ ފެތުރިފައިވޭތޯ ބެލުމަށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެ ސީޓީން އަންނަނީ ރޭންޑަމް ސާމްޕަލްތަކެއް ނަގަމުންނެވެެ.

ފުވައްމުލަށް ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު މިރޭ "ސަން"އަށް ވިދާޅުވީ، އެ ސިޓީން ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން މިހާތަނަށް ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ހުރިހާ ސާމްޕަލްތަކެއްގެ ނަތީޖާ ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެ ރެންޑަމް ސާމްޕަލް ޕޮޒިޓިވްވުމާއެކު، މިހާރު ފުވައްމުލަށް ވަނީ މޮނީޓަރިންގެ ހާލަތައް ގެނެސްފައި. އަދި އިތުރަށް އަޅަންވީ ފިޔަވަޅުތައް ކަނޑައެޅުމަށްޓަކައި ޓާސްކްފޯހުން ދަނީ މަޝްވަރާ ކުރަމުން،" ޟިރާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕޮޒިޓިވްވި ދެ މީހުން މިދިޔަ ދުވަސްތަކުގައި އެހެން އެއްވެސް ރަށަކަށް ގޮސްފައިވާކަން ސީދާ ދަންނަވަން އަދި ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް އެ ސިޓީއާ ޖެހިގެން އޮންނަ ކޮވިޑް ފެތުރިފައިވާ އައްޑޫ ސީޓީއަށް މިދިޔަ ދުވަސްތަކުގައި ފުވައްމުލައްގެ ވަރަށް ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

"އައްޑުއަށް އަރާ ފޭބުން މަނާކޮށްފައި އޮތުމުން މި ރަށުގެ ވަރަށް ގިނަ މީހުން އެ ސިޓީގައި ތާށީވެފައިވޭ. ގާތްގަނޑަކަށް 60 މީހުން އެބަތިބި ތާށިވެފައި. އޭގެ މާނައަކީ، ހޮނިހިރު ދުވަހާ ހަމައަށް ވަރަށް ގިނަ މިހުން އައްޑުއަށް ދަތުރުކޮށްފައިވެޔޭ،" ޟިރާރު ވިދާޅުވި އެވެ.

އައްޑޫގައި ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދެ މީހަކު ޕޮޒިިޓިވްވެގެން އެ ސިޓީ މޮނީޓަރިންގެ ހާލަތައް ގެނައީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނި ގޮތުގައި ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރައްކާތެރިކަމުގެ ގޮތުން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ އިދާރާތަކާއެކު އެ ހޮސްޕިޓަލުން މަސައްކަތް ކުރަމުންދާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުންޏެވެ.

ފުވައްމުލައް ސިޓީއަށް އަރާ ފޭބުން މަނާކުުރި އިރު، އައްޑޫ ކްލަސްޓާއާ ގުޅިގެން ގދ. ތިނަދޫވެސް އޮތީ މޮނީޓަރިން ހާލަތުގައެވެ.