09 Feb 2021, 18:40
ގއ. މާމެންދޫގައި ރޭ ހިނގި ގުރޫޕު މާރާމާރިގައި ޒަހަމްވި ޒުވާނާގެ ހާލު ރަނގަޅުކަމަށް އޭނާއަށް ފަރުވާ ދެމުން އަންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.
ރޭ އެރަށުގައި ހިނގި މާރާމާރީގައި އުމުރުން 17 އަހަރުގެ ކުއްޖަކު މަރުވެ، އެކަކު ޒަހަމްވި އެވެ. ޒަހަމްވި މީހާ ފުރަތަމަ ގެންދިޔައީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ. އަދި ފަހުން ރޭ ވަނީ އޭނާ އިތުރު ފަރުވާއަށް ގދ. ތިނަދުއަށް ގެންގޮސްފައެވެ.
ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ސައީދު މިއަދު "ސަން"އަށް ވިދާޅުވީ، ހާލު ސީރިއަސް ވެގެން ގެނައި ޒުވާނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށެވެ.
"އެޗްޑިޔޫގައި އަދިވެސް ދަނީ ފަރުވާ ދެމުން. މިހާރު ހާލު ރަނގަޅު،" ސައީދު ވިދާޅުވި އެވެ.
މާރާމާރީގައި އެ ޒުވާނާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވެ އެވެ. ސައީދު ވިދާޅުވި ގޮތުގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބުބުން ދެ ސެންޓިމީޓަރު ފުންކޮށް ކަފައިގެން ގޮސްފައިވާ ކަމަށެވެ.
މާރާމާރީގައި މަރުވެފައި ވަނީ ގއ. މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، އެވެ. ޒަހަމްވެފައިވަނީ އުއްދަޔުގެ ބޭބެ އެވެ.
އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށް މިހާރު ވަނީ ނިންމާފައެވެ. އަދި އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާލުމަށް ހަށިގަނޑު މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާރާމާރީއާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.