09 Feb 2021, 18:14
ގއ. މާމެންދޫ ގައި ރޭ ހިންގި ގްރޫޕް މާރާމާރީގައި ވަޅިން ހަމަލާދީ މަރާލި އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، ގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.
ފުލުހުން މިއަދު ބުނީ، ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ޕޯސްޓްމޯޓަމް ހަދަން ނިންމީ މައްސަލައިގެ ތަހުގީގަށް އެއީ ކުރަންޖެހޭ ކަމެއް ކަމަށް ފެންނާތީ، އާއިލާގެ އިޒުނަޔާއެކު ކަމަށެވެ.
ރޭ 11:30 އެހާއިރު މޭމެންދޫގައި ހިންގި އެ މާރާމާރީގައި އުދައްޔުގެ ބޭބެ، ފިރުޝާން ޒާހިރު 21 އަށް ވަނީ ޒަހަމްތަކެއްވި އެވެ. އޭނާގެ ހާލު ސީރިއަސްވެގެން، ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް، އޭނާ ވަނީ ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފަެވެ.
ތިނަދޫ ހޮސްޕިޓަލުން މިއަދު ބުނި ގޮތުގައި ފިރުޝާންގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.
މާރާމާރީއާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.