ކޮވިޑް19ގެ ރޯގާ ފެތުރިފައިވާ އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށްފި އެވެ.

އައްޑޫ ސިޓީގައި މިހާތަނަށް 80 މީހުން ޕޮޒިޓިވްވެފައިވާއިރު، އެ ސީޓީ އޮތީ ފުރަބަންދުގެ ހާލަތުގައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާގައި ބުނީ، ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އެ ސިޓީ ފުރަބަންދުކޮށްފައިވާތީއާއި ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވާތީ، އެ ސިޓީގެ ހުރިހާ މިސްކިތްތަކުގައި ޖަމާއަތް ނުހެދުމަށް ދަންނަވާ ކަމަށެވެ.

ޖަމާއަތުގައި ނަމާދު ނުކުރުމަށް މިނިސްޓްރީން އެންގީ އެއް ހަފްތާގެ މުއްދަތަށެވެ. އެގޮތުން މިއަދުގެ ފަތިސް ނަމާދުން ފެށިގެން އަންނަ ހަފްތާގެ ބުދަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް ޖަމާއަތުގައި ނަމާދު ނުކުރުމަށް މިނިސްޓްރީން އަންގާފައިވެ އެވެ.

"މި ދަނޑިވަޅުގައި މިނިސްޓްގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާކުުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވަން،" އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ސޮއިކުރައްވައު ނެރުނު ސާކިއުލާގައި ބުނެފައިވެ އެވެ.

ކޮވިޑްގެ ރޯގާ ފެތުރެމުންދާތީވެ، ބަލި ކޮންޓްރޯލްކުރުމަށް އައްޑޫ ސިޓީ ކައުންސިލުންވެސް ވަނީ މިއަދު އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެ ސިޓީގައި އެއް ގެއިން އަނެއް ގެޔަށް ދިއުން އަދި އެއް އަވަށުން އަނެއް އަވަށަށް ދިއުން މިހާރު މަނާކޮށްފައިވާ ކަމަށެވެ.

އަދި އިތުރުން އައްޑޫގެ އޮފީސްތައް އާންމު ހިދުމަތްތަކަށް ބަންދުކޮށް، އޮންލައިންކޮށް ހިދުމަތް ދޭ ގޮތަށް ވަނީ ބަދަލުގެނެސްފަ އެވެ.

އިތުރަށް އަޅާފައިވާ ފިޔަވަޅުތަކަކީ:

  • ސްކޫލްތަކުގެ ކޮންޓެކްޓް ޓްރޭސިން ނިމެންދެން ސްކޫލްތައް ބަންދު

  • ސެލޫން، ބޯކޮށާ ތަންތަނާއި ޖިމްތައް ބަންދުކުރުން
  • ހުރިހާ ކުޅިވަރު ހަރަކާތްތައް ހުއްޓާލުން
  • ޕާޓީތަކާއި ހަފްލާތަކާއި ބައްދަލުވުންތަކާއި ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިއަށްގެންދިއުން

މީގެ އިތުރުން ޓެކްސީ ހިދުމަތް ފޯރުކޮށްދޭނަމަ، ޓެކްސީ ހިދުމަތް ފޯރުކޮށްދިނުމުގައި އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްވެސް ކައުންސިލުން ވަނީ އަންގާފަ އެވެ.

އެ ފިޔަވަޅުތައް އައްޑޫ ސިޓީގެ މޮނީޓަރިން ހާލަތު އުވާލަންދެން ނުވަތަ ކައުންސިލުން ވަކި ގޮތެއް އަންގަންދެން ދަމަހައްޓާނެ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެ އެވެ.