31 Jan 2012, 14:54
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ މި ރާއްޖޭގެ ފަނޑިޔާރުގެތަކުގައި ތިބި ފަނޑިޔާރުން ނަރަކައިން ސަލާމަތް ކުރައްވަން ކަމަށް އެމްޑީޕީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ހާފިޒު އަހުމަދު ޒަކީ ވިދާޅުވެއްޖެ އެވެ.
"ތިޔަހެނެއް ނުކިޔޭނެ" ސިލްސިލާގެ ޖަލްސާގައި އެމްޑީޕީގެ މައި ހަރުގޭގައި ރޭ ވާހަކަ ދައްކަވަމުން ޒަކީ ވިދާޅުވީ ރައީސް މަސައްކަތް ކުރައްވަނީ ރާއްޖެ ތަރައްގީ ކުރެއްވުމުގެ އިތުރުން ރާއްޖޭގައި ތިބި ފަނޑިޔާރުން "ނަރަކައިން ސަލާމަތް" ކުރެއްވުމަށް ކަމަށެވެ.
"މައުމޫނު ކިޔުއްވާ ބޭފުޅަކު ވެރިކަމުން ވެއްޓުނު ހިސާބަށް މި ގައުމު މި އޮތީ ވާނުވާ ނޭނގޭ ޖަންގައްޔަކަށް ވެފައި. އަދުލު އިންސާފެއް ލިބެނީ އެއްނޫން. ހެޔޮލަފާ ނަސޭހަތެއް ލިބެނީ އެއްނޫން. ހެޔޮލަފާކޮށް އުޅެވެން ވެސް ނެތީ. އެކަހަލަ ހާލަތެއްގައި އޮތްވައި ގައުމުގެ ވެރިކަން ބަދަލުވެ މިއަދުވެ ގައުމުގެ ވެރިޔާ މި ގައުމު ތަރައްގީ ކުރަމުން ގޮސް މިޖެހުނީ، އެއްކަލަ މި ފަނޑިޔާރުން ނަރަކައިން ސަލާމަތްކުރަން،" ޒަކީ ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ތެރެއިން ތިން ބާވާތެއްގެ ފަނޑިޔާރުން ތިބޭ ކަމަށާއި އޭގެ ތެރެއިން ދެ ބާވާތެއްގެ ފަނޑިޔާރުން ނަރަކައަށް ދާނެ ކަމަށް ރަސޫލާގެ ހަދީސްފުޅުން ސާބިތުވާކަން ފާހަގަ ކުރައްވަމުން ޒަކީ ވިދާޅުވީ ރައީސް ނަޝީދު އެ ކުރައްވާ މަސައްކަތަކީ ނަރަކައަށް ވަންނާނެ ބާވާތުގެ ފަނޑިޔާރުން ނަރަކައިން ސަލާމަތް ކޮށްދެއްވުން ކަމަށެވެ.
"ހައްގު އެނގި ހުރެ ހައްގާ ދެކޮޅަށް ހުކުމް ކުރި މީހުން ވާނީ ނަރަކައިގައޭ. އެހެންވީމާ ހައްގު އެނގިތިބި ބޭފުޅުން ވެސް ހުކުމް މިއަދު މި ކުރައް ވަނީ އަމިއްލަ މަންފާއަށް ޓަކައި. އެހެންވެއްޖެ ކަމަށްވާ ނަމަ އޭނާ މި ދާންޖެހެނީ ނަރަކައަށް. ...ދުނިޔޭގައި އޭނާ ޖަލަށް ލައިގެން ވެސް އެބަ ޖެހޭ އެމީހުން ނަރަކައިން ސަލާމަތް ކުރަން. އެ އެމަނިކުފާނު ]ރައީސުލްޖުމްހޫރިއްޔާ[ އަށް އެކަން ކުރައްވަން އެބަޖެހޭ،" ޒަކީ ވިދާޅުވި އެވެ.
ޒަކީ ވިދާޅުވީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް ސިފައިން ހައްޔަރުކޮށްފައި ވަނީ އަބްދުﷲ ގާޒީ އަށާއި އޭނާގެ އާއިލާއަށް ރަނގަޅަށް ކަމަށެވެ. އަދި އަބްދުﷲ ގާޒީ ދޫކޮށްލުމަށް ބަޔަކު މީހުން ގޮވަނީ އޭނާ އަށް "ހެޔޮ އެދިގެން ނޫން" ކަމަށް ވެސް ޒަކީ ވަނީ ވިދާޅުވެފަ އެވެ.
"މިއަދު އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އެ މަސައްކަތްޕުޅު އެ ކުރައްވަނީ އެނާ ]އަބްދުﷲ ގާޒީ[ އަށް ވެސް އަދި އެނާގެ އާއިލާއަށް ވެސް އަދި ކުރިމަގަށް ވެސް، ގައުމަށްޓަކައި ވެސް އަދި އޭނަގެ ދަރިންގެ ދަރިންނަށްޓަކައި ވެސް އޭނާ އަށް ހެޔޮގޮތް ހޯދައިދިނުން ،" ޒަކީ ވިދާޅުވި އެވެ.
ކުރިމިނަލް ކޯޓްގެ އިސް ގާޒީ ސިފައިން ހައްޔަރުކްފައިވާ އިރު އެނާ ދޫކޮލުމަށް ގޮވާލައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުންނާއި ހައި ކޯޓުން ވަނީ ސަރުކާރާއި އަސްކަރިއްޔާގެ މައްޗަށް އަމުރުކޮށްފަ އެވެ.
ނަމަވެސް އެ އަމުރަކަށް ސަރުކާރަކުން ތަބައެއް ނުވެ އެވެ.