09 Feb 2021, 15:20
ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތައް ހިންގައި ރޭވުމުގެ ތުހުމަތު އަށް މީހެއްގެ މައްޗަށް ދައުލަތުން ޖުމްލަ 20 ދައުވާކޮށް، މައްސަލަތައް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
މިދިޔަ އަހަރު ފަހުކޮޅު ތ. ތިމަރަފުށީގައި ފުލުހުން ހިންގި ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރު ކުރީ ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އާއި، ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު އާއި ތ. ތިމަރަފުށި، އަސުރުމާގެ، މުހައްމަދު އާސިރު އާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަހުސަން މުހައްމަދު އާއި، ރ. މަޑުއްވަރި، ބީޗްހައުސް އަބްދުﷲ އިމާދު އާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާހު ޝަރީފާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫތު އާއި، ރ. ކަނދޮޅުދޫ، ފެހިވިލާ، އަލީ އަރުހަމް މުހައްމަދުގެ މައްޗަށް ދައުވާކޮށް ޕީޖީއިން މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، އެ މީހުން ތިމަރަފުށީގައި ދީނުގެ ނަމުގައި ޓެރަރިސްޓް ޖަމައަތްތަކަށް ތާއީދުކޮށް، ޓެރަރިޒަމަށް ހިތްވަރުދީ ޓެރެރިސްޓް ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއްކަމަށް ދައްކައި، އިސްލާމިކް ސްޓޭޓްގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައްކުރުމަށް ރާވައި އެކަމަށް ހިތްވަރުދީފައިވާ ކަމަށެވެ.
ތިމަރަފުށީގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓްކުރާ ކަމަށް ބުނާ "ނަސާހް 3" ދޯނި ތެރޭގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރުކުރުމަށްފަހު އައިއީޑީ ގޮއްވާލައި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް އެ މީހުން ތައްޔާރުވަމުން ދިޔަ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. ފުލުހުން މީގެ ކުރިން ބުނި ގޮތުގައި އެ އައިއީޑީ ގޮއްވާލަން ރޭވީ، ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާން ހަދަމުންދާ ވަގުތާ ދިމާކޮށް އެ ސްކޫލުގެ ލެބޯޓަރީގައި ކަމަށެވެ.
އޭގެ އިތުރުން، ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް، ތަމްރީންތައް ހަދަމުންދިއުމާއި، ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރުލިބޭފަދަ ކްލާސްތައް ހިންގައި، ތިމަރަފުށީގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތްކޮށް، ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިއުމުގެ ތުހުމަތުވެސް ދައުލަތުން އެ މީހުންނަށް ކުރެ އެވެ. ހަރުކަށި ފިރުކުރުގެ މީހުންނާ ގުޅުން އޮންނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިން ކަމަށްވެސް ތުހުމަތު ކުރެ އެވެ.
އެ މީހުންނަށް ކުރި ދައުވާތައް:
ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފްގެ މައްޗަށް:
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި،
- ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއާއި،
- ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދައުވާ
ތ. ތިމަރަފުށި، އަސްރަފީވިލާ، އަހުސަން މުހައްމަދުގެ މައްޗަށް:
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި،
- ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ.
ރ. ކަނދޮޅުދޫ، ފެހިވިލާ، އަލީ އަރުހަމް މުހައްމަދުގެ މައްޗަށް:
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި،
- ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއާއި،
- ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ.
ރ. މަޑުއްވަރި، ބީޗްހައުސް އަބްދުﷲ އިމާދުގެ މައްޗަށް:
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި،
- ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއާއި،
- އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއާއި،
- އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ.
ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫތުގެ މައްޗަށް:
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި،
- އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ.
ތ. ތިމަރަފުށި، ސައިމާ، ޝަމާހު ޝަރީފްގެ މައްޗަށް:
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި،
- ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ.
ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒުގެ މައްޗަށް:
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއާއި،
- ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާއާއި،
- ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ.
ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރު:
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ.
ތިމަރަފުށީގެ ޓެރަރިޒަމްގެ މައްސަލައާ ގުޅިގެން ޕީޖީ ހުސެއިން ޝަމީމް އޭނާގެ ބްލޮގުގައި ލިޔުއްވާފައި ވަނީ، އެ މައްސަލައިގެ ތަހުގީގުގައި ފުލުހުންނާއި ޕްރޮސެކިއުޓަރުންނާ ވާހަކަ ދައްކައި މައުލޫމާތު ބަދަލު ކުރަމުން ދިޔަ ކަމަށެވެ. އަދި އެ މައްސަލައިގައި ކޮށްފައި ވަނީ، "ދުނިޔޭގެ ފެންވަރުގެ" މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.
"މާނައަކީ، ކުރިއަށް އޮތް ތަނުގައި މައްސަލައެއް ކުރިމަތިނުވާނެއެކޭ ނޫނެވެ. މައްސަލަ ކުރިމަތިވާނެއެވެ. ނަމަވެސް، އެކަމުގެ ތެރެއަށް ޒާތީ ތައައްސުބެއް ނުގެނެސް، މައްސަލަ ހައްލުކުރެވޭނެ ނިޒާމެއް ގާއިމުކޮށް، އެނިޒާމު މިހާރު ހިނގައެވެ،" ޕީޖީ ލިޔުއްވި އެވެ.
ޝަރީއަތުގެ މަރުހަލާގައި ފުލުހުންނާއި ޕީޖީ އޮފީހުގެ ވަކީލުންނާއި، ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެންހުރި ހުރިހާ ވަސީލަތެއް، އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާނެ ކަމަށްވެސް ޕީޖީ ވިދާޅުވި އެވެ. މައްސަލަ ފަސޭހަ ނުވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި، މައްސަލައިގައި އަދި އިތުރަށް ރަނގަޅު ކުރެވޭނެ ކަންކަން އެބަހުރި ކަމަށް ވިދާޅުވި އެވެ. އަދި އެކަންކަން ދިރާސާ ކުރައްވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.