ނޭޕިޑޯ (ފެބްރުއަރީ 9): މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް މިއަދު މުޒާހަރާ ކުރަމުންދާ މީހުންނާ ދިމާލަށް އެގައުމުގެ ފުލުހުން ރަބަރު އުންޑަ އާއި ކަރުނަ ގޭސް ޖަހައިފި އެވެ.

މިޔަންމާގެ ވެރިރަށް ނޭޕިޑޯގައި ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުން ބާރުގެ ބޭނުން ކުރި މަންޒަރު ދުށް މީހަކު އޭއެފްޕީއަށް މައުލޫމާތު ދިން ގޮތުގައި ފުލުހުން ފުރަތަމަ އިންޒާރު ދިނުމުގެ ގޮތުން ވައިގެ ތެރެއަށް ބަޑި ޖެހެ އެވެ. އެއަށް ފަހު މީހުންނާ ދިމާލަށް ރަބަރު އުންޑަ ޖެހި އެވެ. އަދި އޭގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވި އެވެ.

"އެމީހުން ވައިގެ ތެރެއަށް ދެ ފަހަރު ބަޑި ޖެހި، ދެން [މުޒާހަރާ ކުރާ މީހުންނާ] ދިމާލަށް ރަބަރު އުންޑަ ޖެހި،" މަންޒަރު ދުށް މީހާ ބުންޏެވެ.

މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަންޑާލޭގައި މުޒާހަރާ ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސް ޖެހި އެވެ. އެ މުޒާހަރާތަކުގެ ބައިވެރިން ދަނީ "ހުދުމުހުތާރު ވެރިކަމާ ދެކޮޅު" ކަމަށާއި ކުރީގެ ލީޑަރު އަންގް ސަން ސޫޗީ ދޫކޮށްލުމަށް ގޮވާލަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު އެ މުޒާހަރާތައް ފެށި ފަހުން އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް މިން އަންގް ހްލެއިންގް، އިއްޔެ ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ވަނީ ބަޣާވާތް ދިފާއު ކުރައްވާފަ އެވެ. އަދި މިދިޔަ ނޮވެމްބަރު މަހުގެ އަށެއްގައި އެގައުމުގައި ބޭއްވި ޕާލިމެންޓު އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް އަނެއްކާވެސް ތުހުމަތު ކުރައްވާފަ އެވެ.

މީގެ އިތުރުން އަސްކަރިއްޔާއިން ވަނީ ބޮޑެތި މުޒާހަރާތައް ބާއްވާ ސަރަހައްދުތަކުގައި ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށް، އަސްކަރީ ގާނޫނު ހިންގަން ފަށާފަ އެވެ.

މިޔަންމާގައި ނޮވެމްބަރު މަހު ބޭއްވި އާއްމު އިންތިހާބުގައި ޕާލިމެންޓުގެ 476 ގޮނޑިއަށް މެމްބަރުން ހޮވި އިރު އޭގެ ތެރެއިން 396 ގޮނޑި ކާމިޔާބު ކުރީ ސޫޗީގެ ޕާޓީންނެވެ. އަދި އަސްކަރިއްޔާއިން ތާއިދު ކުރާ ޕާޓީއަށް ލިބުނީ އެންމެ 33 ގޮނޑި އެވެ.

އެ އިންތިހާބުގެ ނަތީޖާ ސައްހަ ނޫން ކަމަށް ބުނެ އަސްކަރިއްޔާއިން މިމަހުގެ އެކެއްގައި ސޫޗީ އާއި އެ ސަރުކާރުގެ އެހެން ލީޑަރުން ހައްޔަރު ކުރި އެވެ. އަދި ގައުމުގައި އެއް އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އާ އިންތިހާބެއް ބާއްވާނެކަން އިއުލާންކޮށްފަ އެވެ. އެއަށް ފަހު ވެރިކަން ކުރާނީ އެ އިންތިހާބު ކާމިޔާބު ކުރާ ބަޔަކު ކަމަށް އަސްކަރިއްޔާއިން ބުންޏެވެ.