ކޮވިޑް19 ފެތުރެމުންދާތީ މޮނީޓަރިން ހާލަތަށް ގެނެސްފައިވާ އައްޑޫ ސިޓީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ސިޓީގައި އެއް ގެއިން އަނެއް ގެޔަށް ދިއުން އަދި އެއް އަވަށުން އަނެއް އަވަށަށް ދިއުން މިހާރު މަނާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އައްޑޫގެ އޮފީސްތައް އާންމު ހިދުމަތްތަކަށް ބަންދުކޮށް، އޮންލައިންކޮށް ހިދުމަތް ދޭ ގޮތަށް ވަނީ ބަދަލުގެނެސްފަ އެވެ.

އިތުރަށް އަޅާފައިވާ ފިޔަވަޅުތަކަކީ؛

  • ސްކޫލްތަކުގެ ކޮންޓެކްޓް ޓްރޭސިން ނިމެންދެން ސްކޫލްތައް ބަންދު

  • ސެލޫން، ބޯކޮށާ ތަންތަނާއި ޖިމްތައް ބަންދުކުރުން
  • ހުރިހާ ކުޅިވަރު ހަރަކާތްތައް ހުއްޓާލުން
  • ޕާޓީތަކާއި ހަފްލާތަކާއި ބައްދަލުވުންތަކާއި ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިއަށްގެންދިއުން

މީގެ އިތުރުން ޓެކްސީ ހިދުމަތް ފޯރުކޮށްދޭނަމަ، ޓެކްސީ ހިދުމަތް ފޯރުކޮށްދިނުމުގައި އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްވެސް ކައުންސިލުން ވަނީ އަންގާފަ އެވެ.

އެ ފިޔަވަޅުތައް އައްޑޫ ސިޓީގެ މޮނީޓަރިން ހާލަތު އުވާލަންދެން ނުވަތަ ކައުންސިލުން ވަކި ގޮތެއް އަންގަންދެން ދަމަހައްޓާނެ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެ އެވެ.