ގއ. މާމެންދޫގެ ކުށުގެ ވެއްޓަށް ބަލާއިރު އެ ރަށުގައި މިހާރަށް ވުރެ ފުލުހުންގެ ހިދުމަތް ވަރުގަދަ ކުރަން ޖެހޭ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ރޭ މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެ ރަށު، އަހްމަދު އުދައްޔު، 17، މަރާލައި އޭނާގެ ބޭބެ ފިރުޝާން ޒާހިރު، 21، އަށް ވަނީ ސީރިއަސް ޒަހަމްތަކެއް ދީފަ އެވެ. މިއީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހަކު މަރާލި ފުރަތަމަ ފަހަރެވެ.

ރޭގެ ހާދިސާ އާއި މާމެންދޫގެ ހާލަތާ ގުޅޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން މާމެންދޫ ކައުންސިލުގެ ރައީސް މުހައްމަދު ޒައީމް ވިދާޅުވީ، އެ ރަށުގައި މާރާމާރީ ހިނގުމަކީ އާންމު ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ގޭންގުތަކުން ދޭތެރެއަކުން މާރާމާރީ ހިންގާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ކަންކަން ނުހުއްޓުވި ދާނަމަ ކުށްތައް އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވާގޮތަކީ ކަންތައްތައް ނުހުއްޓުވި ދަންޏާމުން އިތުރެވެގެންދާނެ ދެއްތޯ،" ޒައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާމެންދޫގެ ކުށްތައް އޮންނަ މިންވަރާއި އަދި ކުށުގެ ވެށީގެ ގޮތުން އެކަށީގެންވާ ވަރަށް ރަށުގައި ފުލުހުންގެ ހިދުމަތް ދެވޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ކައުންސިލުން ބޭނުންވާ ވަރަކަށް ފުލުހުންގެ ހިދުމަތެއް ރަށު ކައުންސިލަކަށް އަދި ރަށު ރައްޔިތުންނަށް ނުލިބޭކަން އަޅުގަނޑު ފާހަގަ ކުރަން،" ޒައީމް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 1500 މީހުންގެ އާބާދީއެއް އޮންނަ މާމެންދޫގައި އާބާދީއާ އަޅާބަލާއިރު ކުށް ގިނަ ކަމަށް ޒައީމް ވިދާޅުވި އެވެ. އަދި ރަށުގައި ތިބެނީ ހަ ވަރަކަށް ފުލުހުން ކަމަށާއި، އިތުރު ފުލުހުން ގެނެސް، ފުލުހުންގެ ހިދުމަތް ރަނގަޅުކޮށްގެން ނޫނީ މާމެންދޫގެ ހާލަތު ރަނގަޅުނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވާ ވަރަކަށް ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމްވެފައި ނެތޭ. އަޅުގަނޑު ބޭނުންވަނީ ކަމާ ބެހޭ ފަރާތްތަކަށް މާމެންދޫގެ ހާލަތު އޮންނަ ގޮތުން މާމެންދޫގެ ކުށުގެ ވެށީގެ ހާލަތު އޮންނަ ގޮތުން މާމެންދޫއަށް އިތުރު ފުލުހުންނާ، މިހާރު މި އޮތް ވަރަށް ވުރެ ރަނގަޅަށް ހިދުމަތް ދެވިގެން ނޫނީ މާމެންދޫގެ ހާލަތު ރަނގަޅުވާނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ޒައީމް ވިދާޅުވި އެވެ.

ރޭގެ މާރާމާރީގައި އުދައްޔު މަރާލާފައިވާއިރު، އޭނާގެ ބޭބެ ފިރުޝާންގެ ހާލު ސީރިއަސް އެވެ. އޭނާއަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށެވެ. ނަމަވެސް، މިހާރު އޭނާ ވަނީ، ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

ރޭގެ މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފަ އެވެ. ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް އަދި 18 އަހަރުގެ މީހެކެވެ. އެ މައްސަލަ ތަހުގީގު ކުރަން މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް ފޮނުވުމަށްވެސް ވަނީ ނިންމާފަ އެވެ.