09 Feb 2021, 13:24
ޖެނުއަރީ 31 އިން ފެބްރުއަރީ އަށެއްގެ ނިޔަލަށް، މާސްކު ނާޅާ އުޅުނު 1،551 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު، ކޮވިޑު 19 އިން ރައްކާތެރިވުމަށާއި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ ހިލާފުވެގެން 2،744 މީހަކު ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
އެގޮތުން މާލެ ސަރަހައްދުގައި ދުއްވުން މަނާ ވަގުތުތަކުގައި ވެހިކަލް ދުއްވި 271 މީހަކު ވަނީ ޖޫރިމަނާ ކޮށްފަ އެވެ. ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި ކާފިއު އާއި ހިލާފުވި 988 މީހަކުވެސް އެ މުއްދަތުގައި ވަނީ ޖޫރިމަނާ ކޮށްފަ އެވެ. މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފަތިހު 4:30 އަށް ކާފިއު ހިންގަން ފެށީ ކޮވިޑު ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވާން ފެށުމުން ޖެނުއަރީ 31 ވަނަ ދުވަހުން ފެށިގެންނެވެ.
އެޗްޕީއޭގެ ގައިޑްލައިން އާއި ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަނީ 1،000 ރުފިޔާ އިންނެވެ.