09 Feb 2021, 13:17
ދޯންޏެއްގައި 61 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް ހުރި ކަމަށް ދައުލަތުން ތުހުމަތު ކުރާ މ. ބޮއިލިންފިޝް، އަހުމަދު ވިސާމް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށްފި އެވެ.
ފުލުހުންގެ އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު "އިރުއަލި" ކިޔާ މަސްދޯންޏަކުން 61.06 ކިލޯގެ ޑްރަގު އަތުލައިގަތް މައްސަލައިގައި ތުހުމަތުވާ އެކަކު ކަމަށްވާ ވިސާމް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ މި އަހަރުގެ ޖެނުއަރީ 24ގަ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން ނެރެނު އަމުރު ރިވިއު ކުރުމުގެ އަޑުއެހުމުގައި އޭނާ ދޫކޮށްލަން ނިންމެވީ ކުރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދެވެ. އެގޮތަށް ނިންމެވީ ވިސާމަށް އެކަށީގެންވާ ވަރަށް ބޭސްފަރުވާ ނުދޭ ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގެ ނިންމުން ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލައިގައި މިއަދު ހައިކޯޓުން ނިންމާފައި ވަނީ ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލަން ނިންމީ ގޯސްކޮށް ކަމަށެވެ.
ޖުމްލަ 61 ކިލޯގެ މަަސްތުވާތަކެތީގެ މައްސަލައިގައި ވިސާމް އާއި އިތުރު 10 މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާކޮށްފައިވެ އެވެ. އެ އެންމެންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ދައުވާ ކުރާ މީހުން:
މ. ބޮއިލިންފިޝް، އަހްމަދު ވިސާމް
- މ. މުލި މުޝްތަރީގެ، މުހައްމަދު ރިޝްވާން އިބްރާހިމް
- މ. މާކޮޅު، މުހައްމަދު މާއިޝް
- މ. މުލި، ސޯސަންވިލާ، ހުސައިން ސުނާޒް
- ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު ހަމީދު
- މ. ކޮޅުފުށި، އޯޝަންވިއު، މުހައްމަދު މާއިދު
- ހުޅުމާލެ ފްލެޓް ނަންބަރު 6 ޖީ 4 ، އަހްމަދު ޝިފާޒް
- މއ. ބޯޅަކިންކިރިމާގެ، އަބްދުﷲ ޝާމް
- މ. މުލި، ހުދުފިނިފެންމާގެ، މުހައްމަދު ނަޝީދު
- މއ. ވިރާހް، މުހައްމަދު ޝާމިން
- މ. ކެޕްރިކޯން، ސައުދުﷲ ރަޝީދު
އެ އެންމެންނަކީވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހުންނެވެ. އޭގެ ތެރެއިން ހަތް މީހުންނަކީ އިރުއަލި ދޯނިން ދަތުރު ކުރި މީހުންނެވެ. އަދި ބާކީ ހަތަރު މީހުންނަކީ މާލެއާއި ހުޅުމާލޭގެ ހަތަރު ގެއެއް ބަލައި ފާސްކޮށް ހައްޔަރުކުރި މީހުންނެވެ.
ވިސާމްއަކީ އެ ނެޓްވޯކްގެ އެންމެ އިސް ފަރާތްކަމަށާއި، މި ކުށުގެ އަމަލު ހިނގުމުގައި އެންމެ އިސްކޮށްހުރީ އޭނާ ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.