އެއާޕޯޓު ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި)އިން މުޅިން އަލަށް މިއަހަރު ތައާރަފުކުރި "ވޮއިސް އޮފް ދަ ކަސްޓަމާ" އެވޯޑު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބިއްޖެ އެވެ.

އެ އެވޯޑު ދީފައިވަނީ އެއާޕޯޓް ސާވިސް ކޮލިޓީ (އޭއެސްކިއު) ޑިޕާޗާ ސާވޭ މެދުވެރިކޮށް ފަސިންޖަރުންގެ ފީޑްބެކް އެންމެ ރަނގަޅަށް ނެގި އެއާޕޯޓަށެވެ.

އެވޯޑަށް ކޮލިފައިވުމަށްޓަކައި އެކަނިވެސް ތިން ކުއާޓަރުގެ މައުލޫމާތު އެއްކުރަން ޖެހެ އެވެ.

އެ އެވޯޑު ލިބުމާއި ގުޅިގެން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުވާޓް ވަނީ ފަސިންޖަރުން ބޭނުންވާ ގޮތަށް ހިދުމަތް ދިނުމުގައި އެއާޕޯޓު މުވައްޒަފުން ދެމިތިބޭކަން ފާހަގަކުރައްވައި، މުވައްޒަފުންނަށް ތައުރީފު ކުރައްވާފަ އެވެ.

ވީއައިއޭއަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އޭސީއައިގެ "އެއާޕޯޓް ހެލްތު އެކްރެޑިޓޭޝަން"ވެސް ވަނީ ލިބިފަ އެވެ. އެއާއެކު ވީއައިއޭއަކީ މުޅި ދުނިޔެއިން އެ އެކްރެޑިޓޭޝަން ލިބުނު 12 ވަނަ އަދި އޭޝިއާ ޕެސިފިކް ސަރަހައްދުން ދެވަނަ ގައުމަށެވެ.

އޭސީއައިއަކީ އެކި ގައުމުތަކުގެ އެއާޕޯޓް އޮތޯރިޓީތައް ތަމްސީލުކުރާ ޖަމިއްޔާއެކެވެ.