09 Feb 2021, 12:24
ސޯލް (ފެބްރުއަރީ 9): ގޭގައި އޮޅުކޮށްގެން ގެންގުޅޭ ބުޅަލާއި ކުއްތާގެ ފަރާތުން ކޮވިޑް-19އިގެ އަލާމާތްތައް ފެންނަނަމަ އެ ޖަނަވާރެއް ކޮރޯނާވައިރަހަށް ޓެސްޓު ކުރާނެ ކަމަށް ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ސަރުކާރުން ބުނެފި އެވެ.
ސޯލް މެޓްރޯޕޮލިޓަން ސަރުކާރުން ބުނި ގޮތުގައި ކޮވިޑަށް ޓެސްޓު ކުރާނީ ކޮވިޑް ޖެހިފައިވާ މީހަކާ ދިމާވެ، ހުމާއި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް ފެންނަ ބުޅަލާއި ކުއްތާ އެވެ. އަދި އެ ޓެސްޓު ޕޮޒިޓިވްވެއްޖެ ނަމަ އެ ޖަނަވާރެއް ގޭގައި ކަރަންޓީނު ކުރަން ޖެހޭނެ އެވެ.
ސޯލްގެ ޑިޒީސް ކޮންޓްރޯލް އޭޖެންސީގެ އޮފިޝަލެއް ކަމަށްވާ ޕާކް ޔޫ މީ ވިދާޅުވި ގޮތުގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއްގެ ފަރާތުން އިންސާނުންނަށް ކޮވިޑް ފެތުރޭ ކަމުގެ އެއްވެސް ހެއްކެއް އަދި ފެނިފައި ނުވެ އެވެ. އަދި ބަލި ޖެހޭ ޖަނަވާރެއް އައިސޮލޭޝަން ފެސިލީޓީއަކަށް ގެންދާނީ އެ ބުޅާ ނުވަތަ ކުއްތާ ގެންގުޅޭ މީހަކު ހޮސްޕިޓަލުގައި އޮތުން ނުވަތަ މާބޮޑަށް ބަލިވުން ފަދަ ސަބަބަކާ ހެދި ޖަނަވާރު ނުބެލެހެއްޓޭ ނަމަ ކަމަށް އެ ސިޓީގެ ސަރުކާރުން ބުންޏެވެ.
ދެކުނު ކޮރެއާއިން އެ އިއުލާން ކުރީ މިދިޔަ މަހު އެގައުމުގައި ބުޅަލެއް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ފަހުންނެވެ. އެގައުމުގެ ސަރުކާރުގެ އޮފިޝަލުން ބުނި ގޮތުގައި ބަލި ޖެހުނީ ދީނީ ސެންޓަރެއްގައި ގެންގުޅޭ ބުޅަލަކަށެވެ. އަދި ބުޅަލަށް ވައިރަސް އެރީ، އެ ސެންޓަރަށް ދިޔަ ދެމައިންގެ ފަރާތުން ކަމަށް ބެލެވެ އެވެ. އެ މަންމަ އާއި ދަރިފުޅަށްވެސް ކޮވިޑް ޖެހުނުކަން ހެލްތު އޮފިޝަލުން ފާހަގަ ކުރި އެވެ.
ސިއްހީ މާހިރުން ވަނީ ބުޅާ ނުވަތަ ކުއްތާއެއްގެ ފަރާތުން މީހެއްގެ ގަޔަށް ކޮވިޑް އެރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ބުނެފަ އެވެ. ނަމަވެސް އެއް ބުޅަލުން އަނެއް ބުޅަލަށް ކޮރޯނާވައިރަސް އަރާފާނެ ކަމަށް ދިރާސާތަކުން ވަނީ ދައްކާފަ އެވެ.
މީގެ ކުރިން ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެކި ޖަނަވާރު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި ނިއު ޔޯކް އާއި ސްޕެއިންގެ ޒޫތަކުން ސިންގާ އާއި މިނިކާވަގު ހިމެނެ އެވެ.