ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވަމުންދިޔަ ބައްދަލުވުން ލައިވް ކުރަމުންދަނިކޮށް އެމްއެންބީސީގެ ކޭބަލް ބުރިކޮށްލައިފި އެވެ.

އެމްޑީޕީ މެންބަރުން ތުހުމަތު ކުރާ ގޮތުގައި މަޖިލީހުގެ ކޮރިޑޯ ތެރެއިން އެމްއެންބީސީގެ ކޭބަލް ބުރިކޮށްލީ ޕީޕީއެމްއަށް ނިސްބަތް ވެވަޑައިގަންނަވާ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ.

އެމްއެންބީސީ އާއި ދިޓީވީގެ އިތުރުން ވީޓީވީން ލައިވް ކުރަމުން ދަނިކޮށް އެމްއެންބީސީގެ ކޭބަލް އިލްހާމް ބުރިކޮށްލީ ދިޓީވީގެ ކެމެރާމަނަކާ ސުވާލު ކުރުމަށް ފަހު، އެމްއެންބީސީގެ ކޭބަލްއަކީ ކޮބައިކަން އޮޅުންފިލުވުމަށް ފަހު ކަމަށް އެމްޑީޕީގެ މެންބަރުން ތުހުމަތު ކުރައްވަ އެވެ.

ދިޓީވީގެ ކެމެރާމަން ބުނީ އެމްއެންބީސީގެ ކޭބަލްއަކީ ކޮބައިކަން އިލްހާމް އޭނާގެ ގާތުން އޮޅުންފިލުވި ކަމަށާއި ނަމަވެސް ކޭބަލް ބުރިކޮށްލީ އިލްހާމް ކަމެއް ނޭނގޭ ކަމަށެވެ.

ކޮމެޓީ ކުރިއަށްދަނިކޮށް އެމްއެންބީސީގެ ކޭބަލް ބުރިކޮށްލި ވާހަކަ މެންބަރުންނަށް އެނގުމާ އެކު ކޮމެޓީ ހުއްޓާލުމަށް އެމްޑީޕީގެ މެންބަރުން އެދިވަޑައިގަތެވެ. އެ ކޮމެޓީގައި ޒުވާބު ކުރެއްވުމަށް ފަހު، އެމްޑީޕީގެ މެންބަރުން އެދިވަޑައިގެންނެވީ އެހެން ޓީވީ ސްޓޭޝަންތަކުގެ ލައިވް ފީޑު ވަގުތުން ކަނޑާލުމަށެވެ.

މެންބަރުންގެ އެދިވަޑައިގަތުމަށް ކޮމެޓީ ހުއްޓާ ލެއްވުމަށް ފަހު ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ސެކިއުރިޓީ، ބަލަހައްޓާ އެމްއެންޑީއެފްގެ އޮފިސަރުންނާ ބައްދަލު ކުރައްވައިފަ އެވެ. ނަޝީދު އެބޭފުޅުންގެ އަރިހުގައި އެދިވަޑައިގެންނެވީ މަޖިލީހުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމަރާތައްކުގެ ރެކޯޑިން ބައްލަވައި، އެމްއެންބީސީގެ ކޭބަލް ބުރިކޮށްލީ ކޮން ބޭފުޅެއްތޯ ބެއްލުވުމަށެވެ.

ކޭބަލް ބުރިކޮށްލި މައްސަލަ އެމްއެންޑީއެފްގެ ސަމާލުކަމަށް ގެންނެވުމަށް ފަހު، ކޮމެޓީ ފެށި އެވެ. ނަމަވެސް މެންބަރުން ނިޒާމީ މައްސަލަތަކެއްގައި އެކަން ފާހަގަ ކުރެއްވުމުން ކޮމެޓީ ނިންމަވާލެއްވި ކަމަށް މުގައްރިރު ވިދާޅުވި އެވެ.
ނިޒާމީ މައްސަލައެއްގައި އަލީ ވަހީދު ވިދާޅުވީ އެމްއެންބީސީގެ ކޭބަލް ބުރިކޮށްލި ސަރަހައްދުގެ ސީސީޓީވީގެ ކެމެރާތައް މަސައްކަތް ނުކުރާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ވަރަށް ސީރިއަސްކޮށް ބެއްލެވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އަލީ ވަހީދު ގޮވާލެއްވި އެވެ.